ކެންސަރު ބައްޔަކީ އެ ބައްޔެއް ޖެހިއްޖެނަމަ، މުޅި މީހާއަށް އޭގެ އަސަރު ކުރާ ވަރުގެ ބައްޔެކެވެ. އެ ބައްޔާއި ހަނގުރާމަކޮށް، ޝިފާ ލިބިފައިވާ އެތައް ބަޔަކު އުޅުނު ނަމަވެސް، ދުނިޔޭގެ އެކި ގައުމުތަކުން ކޮންމެ އަހަރަކު މި ބަލި ޖެހިގެން އެތައް ހާސް ބަޔަކު މަރުވެއެވެ.

އަދި ގިނަ އަދަދެއްގެ ބަޔަކަށް ކޮންމެ ދުވަހަކުހެން މި ބަލި ޖެހޭ ކަމަށްވެސް ޑޮކްޓަރުންގެ ރިޕޯޓްތަކުން އިނގެއެވެ.

އެގޮތުން އެންމެ ކައިރިން ބަލާނަމަ އަވަށްޓެރި ސްރީލަންކާއަކީ މި ބަލި އެންމެ ގިނައިން ފެންނަމުންދާ އެއް ގައުމެވެ. އެގައުމުން ކޮންމެ ދުވަހަކު ގޮތަކަށް މި ބަލީގެ 64 މީހުން ފެނޭ ކަމަށް "ނިއުސްފަސްޓް"ގެ ރިޕޯޓްތަކުން ދައްކާއިރު، މިބަލީގައި ކޮންމެ ދުވަހަކު 38 މީހަކު މަރުވާ ކަމަށްވެސް އެ ރިޕޯޓުން ވަނީ ބުނެފައެވެ.

ނޭޝަނަލް ކެންސަރ ކޮންޓްރޯލް ޕްރޮގްރާމްގެ ޑިރެކްޓަރ، ޑރ. ޖަނަކީ ވިދަނަޕަތަރިއަނާ ވިދާޅުވެފައި ވަނީ، 2008 ވަނަ އަހަރުން ފެށިގެން ސްރީލަންކާއިން ކެންސަރ ބަލި ޖެހޭ މީހުންގެ އަދަދު ދެގުނައަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެގައުމުން ކެންސަރު ޖެހޭ މީހުންގެ 16 އިންސައްތަ އަކީ އަނގައިގެ ކެންސަރު ޖެހޭ މީހުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މީގެއިތުރުން އޭނާ ވަނީ އާންމުން ކެންސަރު ބަލިން ރައްކާތެރިވުމަށް ސިއްހަތައް ގެއްލުން ހުރި ކަންކަމާއި ދުރުވުމަށް ގޮވާލާފައެވެ. އަދި އެގައުމުގެ ބޮޑެތި ހޮސްޕިޓަލްތަކުން މިބަލި ޖެހޭ މީހުން ދަނެގަނެވޭނެކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.