ފެނުގައި އުފެދި އާލާވާ، ސިކުނޑި ކާލާ ޖަރާސީމެއް ނުވަތަ އެމީބާއެއްގެ ނުރައްކާ އެމެރިކާގެ ބައެއް ސަރަޙައްދުތަކުގައި ބޮޑުވެއްޖެ އެވެ.

ނޫސްތައް ބުނާގޮތުން މިކަމުގެ ނުރައްކާ މިވަގުތު ކުރިމަތިވެފައި ވަނީ އެމެރިކާގެ ޓެކްސަސް ސްޓޭޓަށެވެ. ބޮޑު އާބާދީއެއް އޮންނަ އެ ސްޓޭޓުގެ ސަޕަލައި ފެނުން މި އެމީބާ ފެނިފައިވާއިރު، އޭގެ ސަބަބުން މިހާތަނަށް ކުޑަކުއްޖަކު ހާލު ދެރަވެގެން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިކަމާއި ގުޅިގެން ޓެކްސަސްގެ އެންވާރަމެންޓަލް ކޮލިޓީ ކޮމިޝަނުން މިހާރު ވަނީ، އެ ސްޓޭޓުގެ އަވަށްތަކުގައި ސަޕްލައި ފެން، ބޯން ބޭނުން ނުކުރަން އެދި އެޑްވައިޒަރީއެއް ވެސް ނެރެފައެވެ.

އިދާރާތަކުން ބުނާގޮތުން ޓެކްސަސްގެ ސަޕްލައި ފެނުން ފެނިފައިވަނީ އަކީ، "ނައެގްލެރިއާ" ނަމަކަށް ކިޔާ އެމީބާގެ ވައްތަރެކެވެ. އެމީބާ އަކީ އެންމެ ސެލްއަކުން އުފެދިފައިވާ، މައިކްރޮސްކޯޕުގެ އެހީގައި މެނުވީ ނޫނީ ނުފެންނަ ކުޑަ ދިރުމެކެވެ.

މި އެމީބާ ހަށިގަނޑުގެ ތެރެއަށް ވާސިލުވުމުން އިތުރަށް އާލާވެއެވެ. އަދި ސިކުނޑިއާއި ހަމައަށް ދަތުރުކޮށް ސިކުނޑީގެ ސެލްތަކާއި ޓިޝޫތައް ކައި ގެއްލުންދެއެވެ. މިކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހާލަތުތައް މެދުވެރިވުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން ދެއެވެ. އާންމު ގޮތެއްގައި އެމީބާ އެންމެ ފަސޭހައިން ސިކުނޑިއަށް ވާސިލުވަނީ ނޭފަތުން ހަށިގަނޑުގެ ތެރެއަށް ދިއުމުންނެވެ.

މި އެމީބާއިން ސިކުނޑިއަށް ގެއްލުން ލިބެން ފެށުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި، ބޮލުގައި ގަދައަށް ރިއްސުމާއި، ހުންގަދަވުމާއި ކަރަށް ތަރުވުމާއި، ހޮޑުލެވުން އަދި ހަމައަށް ކޮޅަށް ނުހުރެވުމާއެކު ޚިޔާލީ މަންޒަރުތައް ސިފަވުންފަދަ ހާލަތުތައް މެދުވެރިވެއެވެ.

އާންމު ގޮތެއްގައި އެމީބާ ފެންނަނީ ބިމުންނާއި ފެންގަނޑުތަކުންނާއި ކޯރުފަދަ ތަންތަނުންނެވެ. ހަމައެހެންމެ ތަޣައްޔަރުވެފައިވާ ފެން ހުންނަ ތަންތަނުގައި ވެސް އެމީބާ އުފެދެއެވެ.

ރިޕޯޓްތައް ބުނާގޮތުން 2009 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު، އެމީބާގެ ސަބަބުން ޓެކްސަސް އިން 34 މީހަކު ވަނީ މަރުވެފައެވެ.