ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން ފައްސިވީ މީހުންގެ އަދަދު 6 މިލިއަނަށް އަރައިފިއެވެ.

އިންޑިއާއިން ފައްސިވީ މީހުންގެ އަދަދު ފަސް މިލުއަނުން ހަ މިލިއަނަށް އަރާފައި މިވަނީ ފާއިތުވެދިޔަ ދިހަ ވަރަކަށް ދުވަސް ތެރޭގައެވެ. އެޤައުމުން މިދިޔަ ދުވަސްތަކުގައި އިންތިހާއަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެ، ދުނިޔެއިން ކޮންމެ ދުވަހަކު އެންމެ ގިނަ ބަޔަކަށް ބަލި ޖެހި، އެންމެ ހަލުވިކަމާއެކު ބަލި ފެތުރޭ ޤައުމަކަށް ވަނީ ވެފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން އިއްޔެ އެކަނިވެސް އިތުރު 82,767 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. އިއްޔެވެސް ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމަކީ އިންޑިއާއެވެ. އެޤައުމުން އިއްޔެ އަލަށް ފައްސިވި މީހުންނާއެކު، ޖުމްލަ އަދަދު މިހާރު ވަނީ 6,073,348 އަށް އަރާފައެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައި ވާއިރު، އެޤައުމުން މިބަލީގައި މަރުވާ މީހުންގެ އަދަދުތަކަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން އިއްޔެވެސް އެތައް ސަތޭކަ ބަޔަކު ހިމެނޭހެން މިހާތަނަށް އިންޑިއާއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 95,000 އަށް އަރާފައެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމަކީ އިންޑިއާއެވެ. އެޤައުމުގައި މި ބަލިމަޑުކަމުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، އެޤައުމަށް ކޮވިޑް-19 ގެ "ޕީކް" އަންނާނީ ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ވަނީ ބެލެވިފައެވެ. އެހެންކަމުން ކުރިޔަށް އޮތީ އިންޑިއާއަށް ބިރުބޮޑު ދުވަސްތަކެކެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 5 މިލިއަން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ 964,407 މީހަކަށެވެ. އޭގެތެރެއިން 8,000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.

މިވަގުތު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. އަދި އެޤައުމަކީ އެމެރިކަ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު