104 މީހުން ދަތުރުކުރި ބޮއިން 737 މަރުކާގެ ފްލައިޓެއް ކިއުބާގެ އެއާޕޯޓަކުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓިއްޖެއެވެ.

ސީއެންއެން އިން ބުނީ ފްލައިޓުން ދަތުރުކުރި އެންމެން މަރުވި ކަމަށް ނުބެލެވޭ ކަމަށެވެ. ފްލައިޓުން ދަތުރު ކުރި ތިން މީހުން ސަލާމަތްވި ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށް ވެސް ސީއެންއެން އިން ބުނެއެވެ.

ކިއުބާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓް ވެއްޓުނީ ކިއުބާގެ ހަވާނާގެ ޖޯޝް މާޓީ އިންޓަނޭޝަނަލް އެއާޕޯޓް އިން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ފްލައިޓް ދަތުރު ކުރަން ހަމަޖެހިފައި އޮތީ ކިއުބާގެ ހޮލްގްއިން އަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފްލައިޓް ވެއްޓުނު ސަރަހައްދުން ވަރަށް ބޮޑަށް ދުން އަރަމުން އަންނަ ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.

ކިއުބާގެ ރައީސް މިގުއެލް ޑިއަޒް-ކަނެލް ވިދާޅުވީ ފްލައިޓް ވެއްޓުނު ހާދިސާގައި "ވަރަށް ގިނަ މީހުން މަރުވި." ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.

ފްލައިޓް ވެއްޓުނީ ދަނޑުވެރިކަން ކުރާ ސަރަހައްދަކަށެވެ.