ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ބަންގްލަދޭޝްގެ އެޓާނީ ޖެނެރަލް، މާބުބޭ އާލަމް އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 71 އަހަރުފުޅުގެ އާލަމް އަވަހާރަވެފައިވަނީ ބަންގްލަދޭޝްގެ ވެރިކަންކުރާ ޑާކާގެ މިލިޓްރީ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް އާދީއްތަ ދުވަހުގެ ވަގުތެއްގައި ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

އާލަމް އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައި ވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.

ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް ލޯ އިން ވިދާޅުވީ، އާލަމް އަވަހާރަވީ ފަރުވާއަށްފަހު ބަލި ފަސޭހަވަމުން ދަނިކޮށް ކުއްލިއަކަށް ހާލަތު އިތުރަށް ގޯސްވެގެން އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ އާލަމް އަށް މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ފަރުވާދެމުން ދިޔައީ އައިސީޔޫގައި ކަމަށެވެ.

އާލަމް އަވަހާރަވުމާއި ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝެއިޚް ހަސީނާ އާއި އެޤައުމުގެ ރައީސް އަބްދުލް ހާމިދް ވަނީ އާލަމްގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

އާލަމް އަކީ 2009 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގެ އެޓާނީ ޖެނެރަލްކަން ކުރައްވަމުން ގެންދެވި ބޭފުޅާއެވެ. މަޤާމުގައި ހުންނަވައިގެން އާލަމް ވަނީ ފާހަގަކޮށްލެވޭ ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.

ކޮވިޑް-19 ޖެހިގެން ބަންގްލަދޭޝްގެ އެޓާނީ ޖެނެރަލް އަވަހާރަވިއިރު، އެޤައުމަކީ ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. މިގޮތުން އިއްޔެވެސް އިތުރު 1200 އަށްވުރެ ގިނަ މީހުން ހިމެނޭހެން އެޤައުމުން މިހާތަނަށް ޖުމްލަ 359,148 މީހަކު މި ބައްޔަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން 5,161 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުމުހޫރީ މައިދާނުން

    ނިސްބަތުން ހާދަ މަދުބައެކޭ މަރުވެފައިވަނީ. ޔޫރަޕުން 40000-50000 މަރުވެފައިވޭ. އިންޑިޔާއިން ލައްކައަށް އަރަނީ

    2
    2