އެމެރިކާގެ ޓެކްސަސްގެ ސްކޫލަކަށް ހަމަލާދީ 10 މީހަކު މަރާލައިފިއެވެ.

ބަޑި ހިފައިގެން ސްކޫލަށް ވަން ބަޔަކު ދަރިވަރުންގެ ތެރެއަށް ބަޑި ޖެހުމުން 10 މީހަކު މަރުވިކަން މިހާތަނަށް ކަށަވަރުވެފައި ވާއިރު އިތުރު ބައެއް މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަތިޔާރު ހިފައިގެން ތިން މީހަކު ސްކޫލަށް ވަން ކަމަށް ވެއެވެ. އޭގެތެރެއިން އެކަކު މިހާރު ވަނީ މަރާލާފައެވެ. އަދި ދެމީހުން ވަނީ ހައްޔަރުކޮށްފައެވެ.

ސްކޫލްގެ ގޯތިތެރެއިން ގޮވާތަކެތި ވެސް ވަނީ ފެނިފައެވެ.

މިހާދިސާގެ ތަޙްޤީޤުގެ މައުލޫމާތު އެނގޭ ފުލުހުންގެ އޮފިސަރަކު ނަން ހާމަނުކުރަން އެދި މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ދަރިވަރުންނާއި ސްކޫލްގެ މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ.

ފުލުހުންގެ އޮފިސަރު ބުނީ ހަމަލާ ދިނުމަށް ރައިފަލާއި، ޝޮޓް ގަން އާއި ފިސްތޯލަ ވެސް ބޭނުން ކޮށްފައިވާ ކަމަށެވެ.

ހަމަލާ ދިނުމުގައި ބައިވެރިވި އެކަކުގެ މައުލޫމާތު ފުލުހުން މިހާރު ވަނީ ހާމަކޮށްފައެވެ. އެއީ 17 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުނެއެވެ.

ބަޑި ޖަހާފައި ވަނީ ސަންޓަ ފީ ހައި ސްކޫލްގައެވެ. އެސްކޫލަކީ ބަޑި ޖެހުމުގެ ނުރައްކާތެރި ހާދިސާއެއް ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ހިނގި ޕާކްލޭންޑްގެ ހައި ސްކޫލާއި 30 ވަރަކަށް މޭލު ދެކުނުގައި ހުންނަ ސްކޫލެކެވެ.

އެމެރިކާގެ ސްކޫލްތަކާއި އާންމުން އެއްވާ ތަންތަނުގައި ބަޑި ޖަހާ ކުށެއް ނެތް މީހުން މެރުމަކީ އާންމު ކަމެކެވެ. ނަމަވެސް ބަޑި އުފައްދާ ބޮޑެތި ކުންފުނިތަކުގެ ނުފޫޒު ސިޔާސީ ދާއިރާގައި ގަދަވުމުން ބަޑި ގެންގުޅުން ކޮންޓްރޯލް ކުރަން ޤާނޫނުތައް ފާސްކުރަން އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ވަނީ ނުކުޅެދިފައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމާއި ވަރަށް ދެކޮޅު މީހެކެވެ.