ސައުދީ އަރަބިއްޔާއަށް އެރި ނިރުބަވެރި (ޓެރެރިސް) ޖަމާޢަތެއްގެ މެމްބަރުންތަކެއް ހަތިޔާރާއެކު އަތުލައިގެންފި އެވެ.

މިކަން ހާމަކޮށް ސައުދީގެ ސްޓޭޓް ސެކިއުރިޓީގެ ތަރުޖަމާނު ހޯމަ ދުވަހު ނޫސްތަކުގައި ވިދާޅުވީ، އެޤައުމަށް ނިރުބަވެރި ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ދިޔަ ދިހަ މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ، މި މީހުންނަކީ އީރާނުން ޚާއްސަ ތަމްރީނުތަކެއް ހޯދައިގެން ސައުދީއަށް ދިޔަ ބައެއް ކަމަށެވެ. މިގޮތުން މިހާތަނަށް ކުރިޔަށް ގެންދިޔަ ތަހުޤީޤުތަކުން އެމީހުންނަކީ ނިރުބަވެރި ހަމަލާތައް ދިނުމުގައި އެކި ދާއިރާތަކުން ގިނަ ދުވަސްތަކެއް ވަންދެން ތަމްރީނު ހޯދައިގެން ތިބި ބައެއްކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދިހަ މީހުން ހައްޔަރުކޮށް އެމީހުން ދިރިއުޅުނު ސަރަޙައްދުތައް ބަލައި ފާސްކުރިއިރު، އެތަންތަނުން ގިނަ އަދަދެއްގެ ބަޑިއާއި ގޮވާތަކެތި އުފެއްދުމަށް ތައްޔާރުކޮށްފައި ހުރި އިލެކްޓްރިކް ސާމާނާއި ބަޑިބޭހާއި ކެމިކަލްގެ އިތުރުން ސްނައިޕާ ރައިފަލް އާއި މެޝިންގަން ފަދަ ވަރުގަދަ ހަތިޔާރުތައް ފެނިފައިވާ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

މި ދިހަ މީހުންނަކީ ބޭރުގެ ނިރުބަވެރި ޖަމާޢަތަކާއި ގުޅުންހުރި މެމްބަރުންތަކެއް ކަމަށް ސައުދީގެ އޮފިޝަލުން ވިދާޅުވެއެވެ. ނަމަވެސް އެއީ ސީދާ ކޮން ޖަމާޢަތެއްގެ ބައެއް ކަމަށް އެފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

އިދާރާތަކުން ދަނީ މި ދިހަ މީހުންނާއި ސުވާލުކޮށް، އެމީހުންނާއި ގުޅުންހުރި އެހެން މީހުންވެސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސައުދީއަށް ދޭތެރެ ދޭތެރެއިން ނިރުބަވެރި ހަމަލާތައް ދެމުން އަންނައިރު، އެޤައުމަށް އެންމެ ގިނައިން ހަމަލާދެނީ ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިންނެވެ. ހޫތީން ދާދިފަހުން ވަނީ ސައުދީގެ ޝާހީ ގަނޑުވަރުތައްވެސް ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޅުވެތި

    ތި 10 މީހުން އަތުލުމުގެ ޖާސޫސީ އޮޕަރޭޝަން ހިނގީ ޕާކިސްތާނުގެ އައިއެސްއައި އިން ކަމަށް ބެލެވޭ...ސައޫދީ ގެ ރޯޔަލްފެމަލީގެ ސެކިއުރެޓީ ބަލަހައްޓަނީވެސް އައިއެސްއައި...އީރާނައް ނިރުބުވެރި ހަމަލަތައްދޭން ތި ސައޫދީވެސް ޓެރަރިސްޓުންނަށް އެހީދޭ...ތި ސައޫދީތީ ވަކި ރަގަނޅުބައެއްނޫން

    20
    6
    • ޚިލާފާ

      ސަޢުދީއާއި ޕާކިސްތާނުގެ ގުޅުން މި ދުވަސްކޮޅު ރަނގަޅެއްނޫން ޕާކިސްތާނުން އެދުނީ ކަޝްމީރު މައްސަލައަގަ ސަޢުދީން އިސްރޯލެއް ކުޅުމަށް އެކަމު އެމެރިކާގެ ޕަޕެޓް ސަޢުދީ އެކަން ޤަބޫލެއް ނުކުރި އެމެރިކާއާއި ޗައިނާގެ އިކޮނޮމިކް ހަނގަރާމަގަ ޓޫލަކަށް ބޭނުން ކުރަނީ އިންޑިއާ ، އިންޑިއާއިން ކިތަންމެ ބޮޑު ޖަރީމާއެއް ހިންގިއަސް މިދުވަސްވަރަކު އެމެރިކާ އާއި އެމީހުންގެ ބައިވެރިންނަކަށް އެކަމެއް ނުފެންނާނެ

      12
      1