އަވައްޓެރި އިންޑިއާގެ އައްސާމް ސްޓޭޓުގައި ފެންބޮޑުވުމުގެ ސަބަބުން ތިންލައްކައަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެފިއެވެ.

މިކަން ހާމަކޮށް އައްސާމް ސްޓޭޓްގެ ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ އޮފިޝަލުން ނޫސްތަކުގައި ވިދާޅުވީ، މިހާރު އެ ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގައި އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން 13 ޑިސްޓްރިކްޓެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. އަދި މިވަގުތު މި ޑިސްޓްރިކްޓްތަކުން 13,000 ހެކްޓަރުގެ ސަރަޙައްދެއް އޮތީ ފެނުއަޑީގައި ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.

ފެންބޮޑުވުމުގެ މި ހާދިސާގައި އައްސާމް ސްޓޭޓުން މިހާތަނަށް އެކަކު މަރުވެ، އިތުރު މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އިދާރާތަކުން ބުނެއެވެ. ހުޅަނގު މޫސުމާއި ދިމާކޮށް އާންމު ގޮތެއްގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާ އައްސާމް ސްޓޭޓުން މިއަހަރު އެކަނިވެސް މިހާތަނަށް 119 މީހަކު މަރުވެފައި ވެއެވެ.

މޫސުމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ، މިދިޔަ ހޯމަ ދުވަހުން ފަށައިގެން އައްސާމް ސްޓޭޓުގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާތަކުގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަ ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި މި ހާދިސާއާއި ގުޅިގެން ހާލުގައި ޖެހޭ މީހުންގެ އަދަދު އިތުރުވެގެން ގޮސްދާނެކަމުގެ ނުރައްކާ މިހާރު އެ ސްޓޭޓަށް ވަނީ ބޮޑުވެފައެވެ.

އޮފިޝަލުން ވިދާޅުވާގޮތުން އިއްޔެ އާއި ހަމައަށް އައްސާމް ސްޓޭޓުން ހާލުގައި ޖެހުނު މީހުންގެ އަދަދު 318,000 އަށް އަރައެވެ. އެފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އިދާރާތަކުން ވަނީ ރައްކާތެރި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ކޭމްޕުތައްވެސް ޤާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާބިތު

    ކޮބާ މި ރާއްޖޭގަ ހުރި އިންޑިޔަ އެމްބަސީ އެންބަރސަޑުގެ ލޮލަން ފެނޭބާ މި މައްޒަރު މި މީހުނަން އެހީވިއްޔާ މާތާހިރެއްނު މި ރާއްޖެއަށް އެހީނުވެ

  2. ހަނި

    އަމިލަގައުމުގެ ރައިތުން ހާލުގާޖެހުނީމާ އެހީނުވާ ސަރުކާ ރަކުން އެހެން ގައުމަކަށް އެހީވަނީ ނުބައި މަގު ސަދެއްގާ ދިވެހިން ވިސްނާ ފިކުރުކޮއްްބަލާ