ކޮވިޑް-19 ގެ ބަލި މަޑުކަން މުޅި ދުނިޔެއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި ލިބެމުން އަންނަނީ ހުސް ހިތާމަވެރި ހަބަރުތަކެވެ. ހުރިހާ ގައުމަކުން ބަލި ފެނިފައިވާ ހަބަރެވެ. އަދި ބަލި ޖެހިފައިވާ ގައުމުތަކުން ގިނަ އަދަދަކަށް މީހުން މަރުވަމުން އަންނަ ހަބަރެވެ. އެހެން ނަމަވެސް ގައުމުތަކުން ބަލި ޖެހިގެން އެންމެން ރަނގަޅުވެފައިވާ ހަބަރަކީ ވަރަށް މަދުން އިވޭ ހަބަރެކެވެ.

ކޮވިޑް-19 އާއި ބެހޭ ތަފާސް މައުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ 213 ގައުމަކާއި ސަރަހައްދު ހިމެނޭ ގޮތަށް މި ބަލި މިހާރު ވަނީ ފެތުރިފައެވެ. އޭގެ ތެރެއިން މިއަދާއި ހަމައަށް ނުވަ ގައުމަކާއި ސަރަހައްދު ހިމެނޭހެން ބަލި ޖެހިފައިވާ އެންމެން މިހާރު ވަނީ ރަނގަޅުވެފައެވެ.

ބަލި ޖެހި ރަނގަޅުވެފައިވާ މީހުން ހިމެނޭ ގައުމުތަކާއި ސަރަހައްދުތަކުން ބަލި ޖެހުނު މީހުންގެ އަދަދު މާ މައްޗަށް ގޮސްފައެއް ނުވެއެވެ. އެގޮތުން މި ތަންތަނުގެ ތެރެއިން ގިނަ މީހުން ފައްސިވެ ރަނގަޅު ވެފައިވަނީ އެސްޓީ ވިންސެންޓް ގްރެނެޑައިންސް އިންނެވެ.

ދެން ހިމެނޭ އަށް ގައުމު ނުވަތަ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ މަކާއޯ، ސައިންތް ލޫޝިއާ، ޓީމޯ ލެސްޓޭ، ގްރެނެޑާ، ގްރީންލޭންޑް، ފޯލްކްލޭންޑް އައިލޭންޑްސް، ވެޓިކަން ސިޓީ އަދި އަންގުއިލާއެވެ.

މި ބައްޔަށް މިހާތަނަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ އެމެރިކާއިންނެވެ. އެގައުމުން މި ބަލި ޖެހިގެން ހަތް ލައްކައަށްވުރެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާ އިރު، ދެ ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ހަ ލައްކައަށްވުރެ ކުރީގައި އުޅޭއިރު ތިން ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ބްރެޒިލް އިންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 1،006،955 މީހަކު ވަނީ މަރުވެފައެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ، 24،897،623 މީހެކެވެ. މިއަދާއި ހަމައަށް މި ބަލީގައި 7،674،101 މީހަކަށް ފަރުވާދެމުން ދެއެވެ. އޭގެތެރެއިން 65،331 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙާލީ

    ދޮގުހެދިޔަސް

    1
    1
    • truth hurts

      މިއީ ދޮގެއްނޫން. މިގައުމުތަކުން މިބަލިން ސަލާމަތްވީ ފަހަށް ވިސްނައިގެން އަވަހަށް ފިޔަވަޅު އަޅައިގެން. މިގައުމުތައް ނޫނަސް 13 އިތުރު ގައުމަކުން މިހާތަނަށް ކޮވިޑް ޖެހިގެން މީހަކު މަރެއް ނުވޭ. އަދި އިތުރު 21 ގައުމަކުން މަރުވި މީހުންގެ އަދަދު 10ކަށް ވުރެ ދަށް.
      ބުރުނާއީއާއި ބާބަޑޮސް އަކީ ރާއްޖޭގެ އާބާދީއާއި އެއްވަރުގެ އާބާދީއެއް އޮންނަ އެއްފަސް ގައުމުތަކެއް. އެކަމަކު ރާއްޖެއާއި ހިލާފަށް ބަލިމީހުންގެ އަދަދު 200 އަށްވެސް ނާރާ.
      97 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެއްފަސް ވިއެޓްނާމަކީވެސް ރާއްޖެއަށް ވުރެ ކުރީގައި އޮތް ގައުމެއް. އެގައުމުގައި ކޮވިޑް ޖެހުނީ އެންމެ 1,094 ވަރަކަށް މީހުންނަށް. ރާއްޖޭގެ ސަރުކާރުގެ ނާގާބިލްކަމުން ރާއްޖޭގެ 6446 ދިވެހި ރައްޔިތުންނަށް ކޮވިޑް ޖެހުނީ. ރައްޔިތުން ބުނާގޮތަށް ނަހަދަންޏާ ސަރުކާރުގެ ޕޮލިހާއި އެމްއެންޑީއެފް އިން އެކަން ހުއްޓުވަން ޖެހޭ. ބާރުގެ ބޭނުން ކުރަންވެސް ޖެހޭ. އެކަމަކު މިސަރުކާރުން ކުރިހާވެސް ކަމަކީ ކޮވިޑޭ ކޮވިޑޭ ކިޔާ ބޭރުގައުމުތަކުން ލޯން ނަގައި ބާރަހާސް ކޮމިޝަން ހަދައި ވައްކަން ކުރަން.