މުސްލިމުންގެ މުގަދަސް ބިން ފަލަސްތީނުގެ ޣައްޒާގެ ސަރަހައްދީ އިމަށް ބައިނަލްއަގުވާމީ ސިފައިން ފޮނުވުމަށް މުސްލިމު ގައުމުތަކުގެ ލީޑަރުން ގޮވާލައިފިއެވެ.

ތުރުކީގެ ވެރިރަށް އިސްތާބުލްގައި ފެށިގެން ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކައުންސިލް (އޯއައިސީ)ން ސަމިޓުގައި ކުވެއިތުގެ އިތުރުން މި ސަމިޓްގައި ބައިވެރިވީ މުސްލިމު ގައުމުތަކުގެ ލީޑަރުން ވަނީ ފަލަސްތީނަށް ބައިނަލްއަގުވާމީ ހިމާޔަށް ދިނުމުގެ ގޮތުން ބޭރު ސިފައިންގެ ފައުޖެއް ޣައްޒާގެ ސަރަހައްދީ އިމަށް ފޮނުވަން އެދިފައެވެ.

މިކަމާއި ގުޅޭ ގޮތުން ކުވެއިތުގެ ސަފީރު މަންސޫރު އަލް ގައިދިބީ ވަނީ ގަރާރެއް ހުށައަޅުވާފައެވެ. އަދި މި ގަރާރަށް ފަލަސްތީނުގެ ސަފީރު އަންނަ އަންގާރަ ދުވަހު މަޝްވަރާކޮށް ފަލަސްތީނުން އެ ގަރާރު ބަލައިގަތުމާމެދު ގޮތެއް ނިންމާނެއެވެ.

ތުރުކީގައި އިސްލާމީ ގައުމުތަކުން ބޭއްވި ސަމިޓުގައި އިސްލާމީ ގައުމުތަކުން ވަނީ އެގައުމުތަކަކޭ އެއްފަދައިން ބައިނަލަގްވާމީ ގައުމުތަކުންވެސް އިސްރާއީލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވުމަށް ގޮވާލާފައެވެ.

ގުދުސް އަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމުން ފަލަސްތީނުގެ ޣައްޒާގައި ވަނީ ވަރުގަދަ މުޒާހާރާތަކެއް ވެސް ކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިސްރާއީލުގެ ސިފައިން ވަނީ ހަމަލާތަކެއް ވެސް ދީފައެވެ.

ޣައްޒާގައި އިސްރާއީލުން މިދިޔަ ހޯމަ ދުވަހު ހިންގި ގަތުލް އާންމުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 62 އަށް އަރާފައިވާއިރު އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޒަހަމްވި މީހުންގެ އަދަދު 3000 ވުރެން މައްޗަށް އަރައެވެ.

ހޯމަ ދުވަހު ދޭންފެށި މި ޙަމަލާތަކުގައި އަންހެން ކުއްޖަކު ހިމެނޭގޮތަށް ޖުމްލަ މިހާތަނަށް ހަ ކުއްޖަކު ޝަހީދުކޮށްލާފައިވެއެވެ. އިސްރާއީލުގެ މި އަމަލު ދުނިޔޭގެ ބޮޑު ބާރުތަކުން ވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު