އަރުމޭނިއާ އާއި އަޒަރުބައިޖާން އާއި ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އަޒަރުބައިޖާނަށް އެހީތެރިވާން ތައްޔާރަށް އޮތްކަމަށް ތުރުކީން ބުނެފިއެވެ.

ތުރުކީން މިކަން ހާމަކޮށް ބުނެފައިވަނީ، މި ހަނގުރާމައަށް ސުލްޙަވެރި ޙައްލެއް ގެނައުމުގެ މަޝްވަރާތަކަށް ނުވަތަ ހަނގުރާމައިގެ މައިދާނުގައި ވެސް ތުރުކީން އަޒަރުބައިޖާނަށް އެހީވާނެ ކަމަށެވެ.

ތުރުކީން އަޒަރުބައިޖާނަށް އެހީވާނެކަން ރަސްމީކޮށް އިއުލާނުކޮށްފައި މިވަނީ، އަރުމޭނިއާއަށް ހަމަލާދިނުމުގައި ތުރުކީން އަޒަރުބައިޖާނަށް މިހާރުވެސް އެކި ގޮތްގޮތުން އެހީތެރިވަމުން އަންނަ ކަމަށް އެމެރިކާއިން ތުހުމަތުކުރާ ދަނޑިވަޅެއްގައެވެ. ހަމަ އެހެންމެ އަރުމޭނިއާއިން ވެސް އިއްޔެ ވަނީ، މި ހަނގުރާމަ ފެށުނުތަނާހެން އެޤައުމުގެ ހަނގުރާމަމަތީ ޖެޓް ވައްޓާލީ ތުރުކީގެ އަސްކަރިއްޔާއިން ކަމަށް ތުހުމަތުކޮށްފައެވެ.

ތުރުކީން އަޒަރުބައިޖާނަށް އެހީތެރިވާނެކަން ހާމަކޮށް އެޤައުމުގެ ފޮރިން މިނިސްޓަރ ވިދާޅުވެފައި ވަނީ، ތުރުކީ އާއި އަޒަރުބައިޖާނަކީ އަބަދުވެސް އެކުވެރި ދެޤައުމު ކަމަށެވެ. އަދި ދެ ޤައުމެއްގެ ގޮތުގައި އޮތަސް އެދެޤައުމަކީ އެއްބައެއް ކަމށް ވިދާޅުވެ، އަޒަރުބައިޖާނާއެކުވާކަން ހާމަކުރެއްވި އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރ އިތުރަށް ވިދާޅުވީ، ތުރުކީން އެންމެ ބޮޑު އިސްކަމެއް ދޭނީ ހަނގުރާމަ ނިމުކަމަށް ގެނައުމަށް ކަމަށެވެ. އަދި އެގޮތުން އެކަން ކާމިޔާބު ނުވެއްޖެނަމަ ހަނގުރާމައިގައި އަޒަރުބައިޖާނާއެކު ބައިވެރިވާނެ ކަމުގެ އިޝާރާތެއްވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ތުރުކީއަކީ އަރުމޭނިއާ އާއި އަޒަރުބައިޖާންގެ ވެސް އަވައްޓެރި ގައުމެކެވެ. ތުރުކީން ވަނީ ދެގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލު ކުރަން ފެށުމާއި އެކުވެސް، އެޤައުމުން ތާއީދުކުރަނީ އަޒަރުބައިޖާނަށްކަން ހާމަކޮށްފައެވެ.

އޭޝިއާ ބައްރާއި ޔޫރަޕް ގުޅޭ ހިސާބުގައި އޮންނަ އަޒަރުބައިޖާނާއި އަރުމޭނިއާއިން ހަނގުރާމަ ކުރަމުން ދަނީ ބޯޑަރު މައްސަލައިގައެވެ. ދެގައުމުގެ މަސްރަހު ގޯސްވީ އަޒަރުބައިޖާންގެ ސިފައިން އަރުމޭނިއާގެ އިމުގެ ކައިރީގައި އަސްކަރީ ތަމްރީންތަކެއް ފެށުމުންނެވެ. މިގޮތުން ފުރަތަމަ ހަމަލާތައް ދޭން ފެށީ އަރުމޭނިއާގެ ސިފައިންނެވެ.

އަޒަރުބައިޖާންގެ އާބާދީގައި 9.9 މިލިއަން މީހުން ތިބިއިރު އޭގެ ތެރެއިން %97 މީހުންނަކީ މުސްލިމުންނެވެ. އަރުމޭނިއާގެ އާބާދީގެ އަކީ 2.9 މިލިއަން މީހުންނެވެ. އެގައުމުގެ އާބާދީގެ %93 މީހުންނަކީ ކްރިސްޓިއަނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށުކުރިޔާ

    ތުރުކީ އިންވޯލް ވުންއެދުމަ ކީ...އަރުމީނިއާ ކުދިކުދި ކޮށްލާ
    ފުރަތަމަ ފެށީ ކާފަރު އަރުމީނިއާއިން....

    24