އިންޑިއާގެ ނައިބު ރައީސް އެމް ވެންކައިއާ ނައިޑޫ ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެޤައުމުގެ ނައިބު ރައީސްގެ އޮފީހުން މިކަން ހާމަކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނައިޑޫ ކޮވިޑް-19 އަށް ފައްސިވެފައިވަނީ އަންގާރަ ދުވަހު ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ނައިޑޫ ކޮވިޑް-19 އަށް ފައްސިވުމުގެ އެމަނިކުފާނުގެ އަނބިކަނބަލުންވެސް މި ވައިރަސް އަށް ޓެސްޓު ކޮށްފައި ވެއެވެ. ނަމަވެސް އެކަމަނާ ވަނީ ބައްޔަށް ނައްސި (ނެގެޓިވް) ވެފައެވެ.

ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ނައިޑޫ މިވަގުތު ހުންނެވީ ސެލްފް އައިސޮލޭޝަންގައެވެ.

ނައިޑޫ ކޮވިޑް-19 އަށް ފައްސިވެފައި މިވަނީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހަށް ދާދިފަހުން ވަޑައިގެންފައި ވަނިކޮށެވެ. އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ދާދިފަހުން ކުރިޔަށް ގެންދިޔަ ޓެސްޓުތަކުން 25 އަށްވުރެ ގިނަ މެމްބަރުން މިބައްޔަށް ފައްސިވެފައިވާކަން ވަނީ ހާމަވެފައެވެ. މިކަމާއި ގުޅިގެން ޖަލްސާތައް މިހާރު ވަނީ މެދުކަނޑާލާފައެވެ.

ނައިޑޫ ކޮވިޑް-19 އަށް ފައްސިވިއިރު، އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ލީޑަރު އުމާ ބަރްތީވެސް ދާދިފަހުން މި ވައިރަސް އަށް ފައްސިވެފައި ވެއެވެ.

އިންޑިއާއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މިވަގުތު ދުނިޔެއިން އެންމެ ނުރައްކާ ބޮޑުވެފައިވާ ޤައުމެވެ. ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެ މި ބަލީގައި ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި އޮތް އިންޑިއާއިން މިހާތަނަށް 6.2 މިލިއަން މީހުންނަށް ބަލި ޖެހި އޭގެތެރެއިން 97,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލ

    #އިންޑިއާއައުޓް

  2. ކޮމެންޓު

    ބާރެއް ނޯންނަ ބޭކާރު ރައީސެއް ހުންނަ އިރު އަދި އެޔަށްވުރެ ބޭކާރު ނައިބު ރައީސެއްވެސް ހުރޭތަ. މިގައުމުގަ ވެސް މިސަކަރާތްޖަހަން ބޮޑު ވަޒީރަށް ވާންބޭނުންވެގެން މީހަކު އެއުޅޭނީ