ރޯދަ މަހާއި ދިމާކޮށް ދުބާއީގައި 700 ގައިދީންނަށް މަޢާފު ދިނުމަށް އެޤައުމުގެ ނައިބު ރައީސް، ޝެއިޚް މުޙައްމަދު ބިން ރަޝީދު އަލް މަޚްތޫމް ނިންމަވައިފިއެވެ.

ޝެއިޚް މުޙައްމަދު ބިން ރަޝީދުގެ މި ނިންމެވުމާއި އެކު، އެޤައުމުގެ ކަރެކްޝަންސް ސާވިސްގެ ބެލުމުގެ ދަށުން ޖަލުތަކުގައި ތިބި އެޤައުމާއި އެހެންވެސް ބައެއް ޤައުމުތަކަށް ނިސްބަތްވާ ގައިދީންނަށް މަޢާފުދީ މިނިވަން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާއި ގުޅިގެން ދުބާއީގެ އެޓާނީ ޖެނެރަލް، އީސަމް އީސާ އަލް ހުމައިދަން ވިދާޅުވީ، ޝެއިޚް މުޙައްމަދު ބިން ރަޝީދުގެ މި ނިންމެވުމަކީ، ކުއްވެރިވެފައި ތިބި މީހުނަށް އާ ފެށުމަކުން ދިރިއުޅުމުގެ ކަންކަން ކުރިއަށްގެންދީ، އެބައި މީހުންނަކީ މުޖުތަމަޢަށް ފައިދާ ކުރުވަނިވި ބައެއް ކަމުގައި ހެދުމަށްދޭ ފުރުސަތެއް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން މިނިވަންވާ ގައިދީންނާއި އެ ގައިދީންގެ އާއިލާއިން އެކަން ބަލައިގަނެ، ރަނގަޅު ގޮތުގައި ފުރުސަތުގެ ބޭނުން ހިފާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮތްކަމަށް އެޤައުމުގެ އެޓާނީ ޖެނެރަލް ވިދާޅުވިއެވެ.

ޝެއިޚް މުޙައްމަދު ބިން ރަޝީދުގެ މި ނިންމެވުމާއި އެކު، ދުބާއީގެ ކަމާއި ބެހޭ އިދާރާތަމުން މިހާރު ދަނީ ނިންމެވުމާއި އެއްގޮތަށް އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ ރޯދަ މަހާއި ދިމާކޮށް ދުބާއީ އިން މިނިވަން ވާ 700 ގައިދީންގެ ތެރޭގައި އެހެން ޤައުމުތަކަށް ނިސްބަތްވާ 81 ގައިދީއަކު ހިމެނެއެވެ.

ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް ދުބާއީގައި މީގެ ކުރިންވެސް ބައެއް ޤައިދީންނަށް އިތުރު ފުރުސަތެއް ދީ މިނިވަންކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާ

    މާޝާﷲ