އިންޑިއާގައި މި މަހުގެ 14 ވަނަ ދުވަހު ހިނގާދިޔަ ރޭޕް ހާދިސާގައި ޝާމިލުވާ ރޭޕިސްޓުންނަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

އެފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް މޯދީ ވަނީ އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޔޯގީ އަދިތްޔަނަތް އަށް އަންގަވާފައެވެ.

މިމަހުގެ 14 ވަނަ ދުވަހު އެގައުމުގައި ރޭޕް ކޮށްފައިވާ އަންހެން ކުއްޖާގެ ހާލު ސީރިއަސް ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަލިގާގައި ހުންނަ ޖޭއެން މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ބުނެފައިވަނީ ކުއްޖާގެ ހާލު ސީރިއަސްވެ އެއްވެސް ކަހަލަ ރަނގަޅުވުމުގެ އަލާމާތެއް ނުފެންނާތީ ދިއްލީގެ ސަފްރަޖުން ހޮސްޕިޓަލަށް ދައްކަން ނިންމާފައިވާ ކަމަށެވެ.

ޔޯގީ ބުނެފައިވަނީ މި މައްސަލަ ބެލުމަށް ސްޕެޝަލް އިންވެސްޓިޖޭޝަން ޓީމް (އެސްއައިޓީ) އެކުލަވާލާފައިވާ ކަމަށާއި މި މައްސަލައިގައި ހިމެނޭ ފަރާތްތައް ދޫނުކުރާނެ ކަމަށެވެ.

"އެޓީމުން ކުރިއަށް އޮތް 7 ދުވަސްތެރޭ ރިޕޯޓެއް ނެރޭނެ. އެހެން ކަމުން އަވަސްކޮށް މި މައްސަލަ ކޯޓުގައި ހިނގާނެ" ޔޯގީ ބުންޏެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހުން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް އިންޑިއާ ފުލުހުން ވަނީ ބުނެފައެވެ.

އިންޑިއާގައި ރޭޕް ކުރުމުގެ މައްސަލަ ކޮންމެ ދުވަހަކު ފެންމަތިވަމުން އަންނައިރު، މި މައްސަލައިގައި އެގައުމުގެ ގިނަ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ ހިތް ހަމަ ނުޖެހުން ފާޅު ކޮށްފައެވެ. އަދި އެފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށްވެސް ވަނީ ގޮވާލާފައެވެ.