އެމެރިކާގެ މަޝްހޫރު ވޯލްޓް ޑިޒްނީގެ 28,000 މުވައްޒަފުންގެ ވަޒީފާގެއްލިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަސްދަރުތަކާއި ހަވާލާދީ ނޫސްތައް ބުނާގޮތުން ޑިޒްނީގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލިފައި މިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމާއި އެކު އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ.

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގައި އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ޑިޒްނީގެ ޕާކުތައް ބަންދުކުރަން ޖެހުމާއި ގުޅިގެން ކުންފުންޏަށް ގެއްލުން ލިބެމުންދާކަން އެކުންފުނިން ވެސް ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެކަމާއި ގުޅިގެން މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމިކަމެއް ރަސްމީ ގޮތެއްގައި ޑިޒްނީން ހާމައެއް ނުކުރެއެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ޑިޒްނީގެ ޕާކުތައް ބަންދުކުރިފަހުން، މިއަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި އެކަނިވެސް ކުންފުނީގެ ފައިދާ 91 އިންސަތައަށް ދަށްވެފައިވާ ކަމަށް ވެއެވެ. މިގޮތުން ބަލީގެ ފުރަތަމަ ދުވަސްކޮޅު އެ ކުންފުންޏަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް އިޤްތިސާދީ މާހިރުން ބުނެފައި ވެއެވެ.

ޑިޒްނީން ބުނެފައިވަނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެ ކުންފުންޏަށް މަސައްކަތްކުރާ އެއްލައްކައަށްވުރެ ގިނަ މުވައްޒަފުންގެ ތެރެއިން 67 އިންސައްތަ މުވައްޒަފުން "ޕާޓް-ޓައިމް" މުވައްޒަފުންގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ޑިޒްނީގެ ތީމްޕާކްތަކާއި، މުނިފޫހި ފިލުވާ ތަންތަން އަދި ހޮޓެލްތައް ބަންދުކޮށްފައި ވަނީ މާޗް މަހުގެ މެދެއްހާ ތަނުގައެވެ. އެތަންތަން ބަންދުކޮށްފައި އޮތް ނަމަވެސް ޑިޒްނީ ވޯލްޑުން ވަނީ އެތަންތަނުގައި މަސައްކަތް ކުރަމުން އައި މުވައްޒަފުންނަށް މުސާރަ ދީފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޑިޒްނީގެ އިތުރުން ބައެއް އެހެން ބޮޑެތި ކުންފުނިތަކުންވެސް އެތައް ހާސް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ.