ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން އިތުރު 1179 މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 86,748 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު މިދިޔަ 24 ގަޑިއިރުތެރޭ މުޅި ދުނިޔެއިންވެސް އެންމެ ގިނަ ބަޔަކަށް މިބަލި ޖެހުނު ޤައުމަކަށް ވެފައިވަނީ އިންޑިއާއެވެ.

މިދިޔަ ހަފްތާއެއްހައި ދުވަހަށް ބަލާއިރުވެސް އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ޤައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. އިތުރު އެތައް ހާސް ބަޔަކު ފައްސިވެ އިންޑިއާގެ ހާލަތު ގޯސްވެފައި ވާއިރު، އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 6,310,267 އަށް އަރާފައެވެ.

އިންޑިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ފެތުރެމުން އަންނައިރު، އެޤައުމުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު އެތައް ސަތޭކަ ބަޔަކު ހިމެނޭހެން، މިހާތަނަށް ޖުމްލަ 98,708 މީހަކު ވަނީ މަރުވެފައެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމަކީ އިންޑިއާއެވެ. އެޤައުމުގައި މި ބަލިމަޑުކަމުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، އެޤައުމަށް ކޮވިޑް-19 ގެ "ޕީކް" އަންނާނީ ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ވަނީ ބެލެވިފައެވެ. އެހެންކަމުން ކުރިޔަށް އޮތީ އިންޑިއާއަށް ބިރުބޮޑު ދުވަސްތަކެކެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 5.2 މިލިއަން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ 941,552 މީހަކަށެވެ. އޭގެތެރެއިން 8000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.