ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އާޖެންޓީނާއިން ފައްސިވީ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އާޖެންޓީނާއިން އިއްޔެ އެކަނިވެސް އިތުރު 14,392 މީހަކު ފައްސިވެފައި ވެއެވެ. މިއީ އެއްދުވަހެއްގައި އެޤައުމުން އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ފަހަރެވެ.

އިތުރު އެތައް ހާސް ބަޔަކު ފައްސިވުމާއެކު އާޖެންޓީނާއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 751,001 އަށް އަރާފައެވެ. އެޤައުމަކީ މިހާރު ދުނިޔެއިން އަށްވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އާޖެންޓީނާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދަށްވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު 418 މީހަކު ހިމެނޭހެން އެޤައުމުން ޖުމްލަ 16,937 މީހަކު ވަނީ މަރުވެފައެވެ.

އާޖެންޓީނާއިން މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 594,645 މީހުންނެވެ. އަދި މިހާރު އެޤައުމުން މި ބައްޔަށް ފަރުވާދެމުންދާ 139,419 މީހުންގެ ތެރެއިން 3,792 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ކަމަށް އިދާރާތަކުން ބުނެއެވެ.

އާޖެންޓީނާއަކީ ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިޔުމުގެ ނުރައްކާ އެބައޮތެވެ.

45 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އާޖެންޓީނާ އިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިދިޔަ މާރިޗު މަހުގެ ތިން ވަނަ ދުވަހުއެވެ. އެޤައުމުން ބަލި ފެނުނު ފަހުން، ބަލި ފެތުރޭ މިންވަރަށް އެއްވެސް ހިފެހެއްޓުމެއް ނައިސް، ހާލަތު އަންނަނީ އިތުރަށް ގޯސް ވަމުންނެވެ.