ސްޕޭންގެ ވެރިރަށް މެޑްރިޑްގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުން ދާތީ މެޑްރިޑް ފުރަބަންދު ކުރިކަމަށް އެގައުމުގެ ސަރުކާރުން އިއުލާން ކޮށްފިއެވެ. ސްޕޭން ސަރުކާރުން ބުނީ މެޑްރިޑްގެ އެއްވެސް ސަރަހައްދަކުން އެހެން ސަރަހައްދަކަށް އެއްވެސް މީހަކަށް ދަތުރު ކުރެވޭނީ ކޮންމެހެން ދަތުރު ކުރަން ޖެހޭ ހާލަތެއްގައި އެކަނި ކަމަށެވެ.

މެޑްރިޑުން ފާއިތުވި އެއްހަފްތާ ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 780 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މެޑްރިޑްގެ ނުވަ ނޭބަހުޑްގައި ދިރިއުޅޭ އެއްވެސް މީހަކަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރުމަށް ފިޔަވައި އެހެން ކަމަކު އެހެން ސަރަހައްދުތަކަށް ދަތުރު ނުކުރެވޭނެ ކަމަށް މައި ސަރުކާރުން އިއުލާން ކުރިނަމަވެސް ސްޕޭންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެނިންމުން ސައްހަ ނުވާނެ ކަމަށް މެޑްރިޑްގެ ސަރަހައްދީ ސަރުކާރުން ބުނެއެވެ. މެޑްރިޑްގެ ސަރަހައްދީ ސަރުކާރުން ވަނީ ފުރަބަންދު ކުރުމާއި ފާޅުގައި ދެކޮޅު ހަދާފައެވެ.

ސަރަހައްދީ ސަރުކާރުން މެޑްރިޑް ފުރަބަންދު ކުރުމާއި ދެކޮޅު ހަދަމުން ދާތީ ފުރަބަންދުގެ އަމުރަށް ތަބާވުން ކޮންމެހެން މެޑްރިޑްގެ ރައްޔިތުންނަށް މަޖުބޫރު ނުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ފުރަބަންދުގެ ފިޔަވަޅުތައް އުވާލަން ކޯޓަށް މައްސަލަ ހުށަހަޅަން ވެސް މެޑްރިޑްގެ ސަރަހައްދީ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

މެޑްރިޑް ފުރަބަންދު ކުރުމަށް ނިންމައި ސްޕޭންގެ ސަރުކާރުން ނެރުނު އުސޫލު ބުނާ ގޮތުން ހަމީހުންނަށް ވުރެ ގިނަ މީހުން ތަނަކަށް އެއްވުމަކީ މަނާ ކަމެކެވެ. އަދި ހޮޓާތަކާއި އަޅުކަން ކުރާ ތަންތަނާއި ފިހާރަތައް ހުޅުވާފައި ހުންނަ ވަގުތު މަދުކުރަން ވެސް ވަނީ އަމުރު ކޮށްފައެވެ. ނަމަވެސް ޕާކްތަކާއި ކުޅުވަރު ކުޅޭ ހުޅުވިފައިވާ ބިންތައް ބަންދު ކުރާނީ ސަރަހައްދީ ސަރުކާރުން ބޭނުންވެއް ކަމަށް ވެސް ވަނީ ނިންމާފައެވެ.

މެޑްރިޑްގެ ވެރިކަން ކުރަނީ ސްޕޭންގެ މައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުންނެވެ. އެހެންކަމުން މައި ސަރުކާރުގެ ގިނަ ނިންމުންނާއި މެޑްރިޑްގެ ސަރުކާރުން ވަރަށް ގިނައިން ދެކޮޅު ހަދައެވެ.

ކިޔުންތެރިންގެ ހިޔާލު