ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކަށް، ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) ގެ ހަނގުރާމަވެރިން ޖަމާވަމުން އަންނަ ކަމަށް، ޔޫރަޕިއަން ފައުންޑޭޝަން ފޯ ސައުތް އޭޝިއަން ސްޓަޑީޒްގެ ޑިރެކްޓަރ، ޖުނައި ޤުރައިޝީ ވިދާޅުވެއްޖެ އެވެ.

އދ. ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ ހަވާސާގައި، "ރައިޒް އޮފް އައިސިސް އިން ސައުތު އޭޝިއާ" ގެ ނަމުގައި ހޯމަ ދުވަހު ކުރިޔަށްގެންދިޔަ ވެބިނާއެއްގައި މިކަން ހާމަކޮށް ގުރައިޝީ ވިދާޅުވީ، ނިރުބަވެރިންގެ ގިނަ އަދަދެއްގެ ބަޔަކު މިހާރު ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އޭގެތެރޭގައި އެހެން ހިސާބުތަކުން ދަތުރުކޮށް މި ޖަމާޢަތްތަކާއި ގުޅޭ މީހުންވެސް ގިނަވަމުން އަންނަ ކަމަށެވެ.

އެކި ޤައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން އަދި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ބައިވެރިވި މި ބައްދުލުވުމުގައި ގުރައިޝީ ވިދާޅުވީ، ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކަށް އައިސިސް ޖަމާޢަތުގެ ހަނގުރާމަވެރިން ތަމްރީނުކޮށް ފޮނުވަމުން ދަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ އެ ޖަމާޢަތާއި ގުޅުންހުރި އެހެން ނިރުބަވެރި ޖަމާޢަތްތަކުން ކަމަށެވެ. އޭގެތެރޭގައި ޕާކިސްތާނުގައި ހަރަކާތްތެރިވާ ހައްޤާނީ ނެޓްވޯކް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސީރިޔާ އާއި އިރާގުގައި އައިސިސްއަށް ލިބުނުނާކާމިޔާބީ އާއިއެކު މިހާރު އެ ޖަމާޢަތުގެ މިސްރާބު ހުރީ ދެކުނު އޭޝިއާއަށް ކަމަށް މި ބައްދަލުވުމުގައި ބައިވެރިވި އޮފިޝަލުންވެސް ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުންނާއި، އެޤައުމުގެ ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ހަމަލާ ދިނުން ހުއްޓާލަން ނިންމާފައި ވާއިރު، ތާލިބާނުގެ ހަނގުރާމަވެރިން އައިސިސް ޖަމާޢަތާއި ގުޅެމުންދާ ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އޮފިޝަލުން ވިދާޅުވެފައިވަނީ ޕާކިސްތާނުގައި ހިންގާ އައިސިސްގެ ގޮތްޕަކީ އިސްލާމިކް ސްޓޭޓް - ހޮރާސަން ޕްރޮވިންސް (އައިއެސްކޭޕީ) ކަމަށެވެ. މި ޖަމާޢަތަކީ އައިސިސްއިން ދެކުނު އޭޝިއާގައި ހިންގާ ކަންކަން ރާވައި އިންތިޒާމްކުރާ މައި ޖަމާޢަތްކަމަށް ވެއެވެ.

މިއަހަރުގެ ޖުލައި މަހާއި ހަމައަށް އދ. އިން އެއްކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ޕާކިސްތާނުގެ އައިކޭޕީއެސް ޖަމާޢަތުގައި ދެހާހަށްވުރެ ގިނަ ހަނގުރާމަވެރިން އުޅެއެވެ. މީގެ ތެރޭގައި އަފްޣާނިސްތާނުގެ ތާލިބާން ޖަމާޢަތުގައި ކުރިން ހަރަކާތްތެރިވި މީހުންނާއި، ޔޫރަޕުގެ ޤައުމުތަކަށް ނިސްބަތްވާ ހަނގުރާމަވެރިންވެސް ހިމެނެއެވެ. ނަމަވެސް މި ޖަމާޢަތުގެ 70 އިންސައްތަ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގައި އައިސިސްގެ ހަނގުރާމަވެރިން ޤާއިމްވެ ނިރުބަވެރި އަމަލުތައް ހިންގުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް ކުރިންވެސް ބައެއް ޖަމާޢަތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އަދި މި ސަރަޙައްދުގެ ބައެއް ޤައުމުތަކުންވެސް މި މައްސަލަ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއެވެ.

މިކަމާއި ގުޅިގެން، ޔޫރަޕިއަން ފައުންޑޭޝަން ފޯ ސައުތް އޭޝިއަން ސްޓަޑީޒްގެ ބައްދަލުވުމުގައި އޮފިޝަލުން ވަނީ، މާބޮޑަށް ލަސްވުމުގެ ކުރީން ޤައުމުތައް ގުޅިގެން ނިރުބަވެރިން ހުއްޓުވުމުގެ މަސައްކަތް ފެށުމަށް ގޮވާލާފައެވެ.