ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފައްސިވުމާއި ގުޅިގެން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ހެޔޮއެދުންތައް ޓްރަމްޕްއަށް ފޮނުއްވައިފިއެވެ.

އުތުރު ކޮރެއާގެ ދައުލަގެ މީޑީއާއިން ރިޕޯޓްކޮށްފައިވާ ގޮތުން ޓްރަމްޕްގެ ހާލަތާއި މެދު ހިތާމަ ފާޅުކޮށް ކިމް ޖޮން-އުން ފޮނުވި މެސެޖެއްގައި ވަނީ، ޓްރަމްޕް އަށް އަވަސް ޝިފާއަކަށް އެދޭކަމަށް ވިދާޅުވެފައެވެ. އަދި އެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެ ކޮވިޑް-19 ގެ މި ނުރައްކާތެރި ހާލަތުން އަރައިގަނެވޭނެ ކަމުގެ އުންމީދުގައި ހުންނެވިކަންވެސް ކިމް ޖޮން-އުންގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކިމް ޖޮން-އުން ޓްރަމްޕް އަށް މި މެސެޖު ފޮނުވާފައި ވަނީ އިތުރު ފަރުވާއަށް ޓްރަމްޕް މިރޭ ހޮސްޕިޓަލަށް ބަދަލުކުރުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.

ކިމް ޖޮން-އުންގެ މެސެޖެއް ޓްރަމްޕް އަށް ފޮނުއްވާފައިވާ ކަމަށް އުތުރު ކޮރެއާގެ މީޑިއާއިން ބުނެފައި މިވަނީ ކިމްގެ ހާލުކޮޅު ދެރަވެގެން ޤައުމު ހިންގުން ކޮއްކޯފުޅާއި ހަވާލުކުރައްވާފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕްގެ ވެރިކަމުގެ ކުރީކޮޅު އުތުރު ކޮރެއާއަކީ އެމެރިކާއާއި އެންމެ ބޮޑު ހަތުރުވެރި ޤައުމެވެ. ނަމަވެސް ދެޤައުމުގެ ގުޅުން ބަދަހިވީ، ޓްރަމްޕް ކިމް ޖޮން-އުން އަށް ހުށަހެޅި ދަޢުވަތެއް ޤަބޫލުކުރައްވައި ސުލްޙަވާން އެއްބަސްވުމުންނެވެ. އޭގެ ފަހުން ޓްރަމްޕް ވަނީ އުތުރު ކޮރެއާއަށް ވެސް ދަތުރުކޮށްފައެވެ.

2018 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި މި ބައްދަލުވުމުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި އެފަދަ ހަތިޔާރު ބޭނުންކުރުން އުތުރު ކޮރެއާގައި ހުއްޓާލުމަށް ކިމް ޖޮން-އުން ވަނީ އެއްބަސް ވެފައެވެ. ނަމަވެސް ފަހުން އަނެއްކާވެސް ނިއުކްލިއާ ހަތިޔާރުތައް އުތުރު ކޮރެއާގައި އުފައްދަމުންދާ ކަމުގެ އަޑުތައް ފެތުރުމުން ޓްރަމްޕް ވަނީ އެއްބަސްވުމާއި ޚިލާފުވުމަކީ އުތުރު ކޮރެއާއަށް ކުރެވޭނެ "މޮޔަ ކަމެއް" ކަމަށް ބުނެފައެވެ.

މިވާހަކަތަކަށް ރައްދު ދެއްވަމުން ކިމް ޖޮން-އުން ވިދާޅުވީ، އެއްވެސް އެހެން ޤައުމަކަށް އުތުރު ކޮރެއާ ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި، އެޤައުމަށް ބާރު ފޯރުވުމުގެ އިޚްތިޔާރު އެމެރިކާއަށްވެސް ލިބިގެން ނުވާކަމަށެވެ.

އެހެންކަމުން މިރޭ ޓްރަމްޕް އަށް ހެޔޮއެދުންތައް ފޮނުއްވައި ކިމް ޖޮން-އުން ކުރެއްވި މެސެޖަކީ ދެބޭފުޅުންގެ ދެމެދުގައި އޭގެފަހުން ކުރެވުނު ފުރަތަމަ މުޢާމަލާތެވެ.

އުތުރު ކޮރެއާއަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި ގުޅުންކުޑަ، ވަރަށް އެކަހެރި ޤައުމެކެވެ.