ކޮވިޑް-19 ވައިރަހާއި ގުޅިގެން ފުރަބަންދުކޮށްފައި އޮތް ތިން މަސް ދުވަހުގެ ތެރޭގައި ކެންޔާގެ 150،000 ޒުވާން އަންހެން ކުދިން ބަނޑު ބޮޑުވެފައިވާ ކަަމަށް އެގައުމުގެ ހެލްތު މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ކެންޔާގެ ހެލްތު މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ އެވްރެޖުކޮށް އެގައުމުގައި ތިން މަހުގެ ތެރޭގައި މީހުން މާބަނޑުވާ މިންވަރަށްވުރެ 40 އިންސައްތަ މަތީ އަދަދެކެވެ. އަދި ގިނައިން އެ ދުވަސްވަރުގެ ތެރޭގައި މާބަނޑުވެފައި ވަނީ ޒުވާން އަންހެން ކުދިން ކަމަށާއި، މިއީ އެކަމުގެ ސަބަބުން އެތައް ސީރިއަސް މައްސަލައެއް ކުރިމަތިވެދާނެ ކަމެއް ކަަމަށް އެ އިދާރާ އިން ވަނީ ހާމަކޮށްފައެވެ.

ކެންޔާގެ ކަމާބެހޭ އިދާރާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ މީގެ ކުރިންވެސް އެގައުމަށް ދިމާވެފައިވާ މައްސަލައެކެވެ. އަދި މާބަނޑު އަންހެނުން ގިނަވާން ފަށާފައި ވަނީ މިދިޔަ މާޗް މަހުން ފެށިގެން ކަމަށް އެ މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

ކެންޔާގެ ޖުމްލަ އާބާދީ 51 މިލިއަނަށް އަރާ އިރު، މީހުން މަދު ސިޓީތަކުން ވެސް 4000 ޒުވާން އަންހެން ކުދިން ބަނޑު ބޮޑުވެފައިވާ ކަަމަށް ހެލްތު މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ. މާބަނޑުވި އަންހެން ކުދިންގެ ތެރޭގައި ގިނަ އަދަދަކަށް އުމުރުން ވަރަށް ހަގު އަންހެން ކުދިން ހިމެނޭ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.

މިހާރު މި މައްސަލަ އެ ގައުމުގައި ވަނީ ވަރަށް ހޫނު ވެފައެވެ.

އަންހެން ކުދިން ބަނޑު ބޮޑުވި އަދަދު "ޕީކަށް" އެރި ތިން މަސް ދުވަހަކީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ސްކޫލްތައް ވެސް ބަންދުކޮށްފައިވާ ދުވަސްކޮޅެކެވެ. މިހާތަނަށް ބެލި ބެލުމުން އެއިން ގިނަ އަންހެން ކުދިން ބަނޑުބޮޑުވެފައި ވަނީ އެމީހުން އިހުމާލުން ކަމަށާއި މިއީ ހުއްޓުވަން ޖެހޭ ސީރިއަސް މައްސަލައެއް ކަމަށް ކަމާގުޅޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.