ހަތް މަހަށްފަހު އުމްރާގެ އަޅުކަމަށް ޙަރަމުފުޅު އާއްމުކޮށް ހުޅުވާލައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މުސްލިމުންގެ އެންމެ މުޤައްދަސް ޙަރަމް ކަމަށްވާ، މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރަމް ބަންދު ކޮށްފައިވަނީ މާރިޗު މަހުގެ 21 ވަނަ ދުވަހުއެވެ.

މިއަދު އުމްރާގެ އަޅުކަމަށް ހަރަމްފުޅު ހުޅުވާލާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އުމްރާވުމަށް ފުރަތަމަ ހުއްދަ ދީފައިވަނީ މައްކާގައި އުޅޭ ރައްޔިތުންނަށެވެ. ސައުދީން ބޭރުގެ ރައްޔިތުންނަށް އުމްރާއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަދުވަހުން ފެށިގެންނެވެ.

ކޮންމެ ދުވަހަކުވެސް އުމްރާވުމަށް އަންނަ މީހުން 12 ގްރޫޕަކަށް ބަހާލާ ކޮންމެ ގްރޫޕަކަށްވެސް އުމްރާ ފުރިހަމަކުރުމަށް ލިބޭނީ ތިން ގަޑިއިރުގެ ވަގުތެކެވެ. މިއަދު އުމްރާއަށް ހުޅުވާލި ނަމަވެސް އަޅުކަން އަދާ ކުރެވޭނީ ދުވާލަކު 6000 މީހުނަށް ވުރެ ގިނަ ނުވާނެ ގޮތަށެވެ.

ދެވަނަ ފިޔަވަހީގައި އުމްރާގެ އަޅު ކަމަށް ދުވާލަކު 15،000 މީހުންނަށް ފުރުސަތު ދޭނެއެވެ. ތިންވަނަ ފިޔަވަހީގައި އުމްރާގެ އަޅު ކަމަށް ދުވާލަކު 20،000 މީހުންނަށް ފުރުސަތު ދޭނެއެވެ.

އުމްރާއަށް ހުޅުވާލިނަމަވެސް ތަވާފްކުރާ މީހުން ތަވާފްކުރަން ޖެހޭނީ ކައުބަތުﷲ ގެފުޅުގެ ވަށައިގެން ހަރުކޮށްފައިވާ ރިންގުގެ ބޭރުންނެވެ. އަދި އެއްވެސް މީހަކަށް ގެފުޅުގައި ބޮސްދީ އަތްބީއްސާ ނެހެދޭނެކަމަށާއި ދުވާލަކު 10 ފަހަރަށް ޚަރަމްފުޅު ސްޓެރެލައިޒްކުރާނެކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.