މަޝްހޫރު ކޮމްޕިއުޓާ ސެކިއުރިޓީ ކުންފުނި "މެކަފީ" ގެ ވެރިޔާ، ޖޯން މެކަފީ ހައްޔަރުކޮށްފި އެވެ.

އެމެރިކާއަށް ނިސްބަތްވާ ޖޯން މެކަފީ ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ސްޕެއިން އިންނެވެ. އޭނާ ސްޕެއިންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ތުރުކީގެ އިސްތަމްބޫލަށް ދަތުރުކުރުމަށްޓަކައި ބާސެލޯނާގެ އެއާޕޯޓަކަށް ގޮސް ހުއްޓައެވެ.

އިދާރާތަކުން ބުނެފައިވާގޮތުން ސްޕެއިން އިން ޖޯން މެކަފީ ހައްޔަރުކުރީ، ޓެކްސްއަށް މަކަރު ހެދުމުގެ މައްސަލައަކާއި ގުޅިގެން އެމެރިކާއިން އޭނާ ހައްޔަރުކުރުމަށް ބައިނަލްއަޤުވާމީ ވޮރެންޓެއް ނެރެފައި ވަނިކޮށެވެ. އޭނާ ހައްޔަރުކުރިކަން އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސް އިން ވެސް ވަނީ ނޫސްތަކުގައި ކަށަވަރުކޮށްދީފައެވެ.

ޖޯން މެކަފީ އާއި ދެކޮޅަށް ދަޢުވާކޮށްފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދު އންކަމް ޓެކްސްއަށް މަކަރު ހަދާފައިވާ މައްސަލައަކާއި ގުޅިގެންނެވެ. މި މުއްދަތުގައި އޭނާއަށް އާމްދަނީގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ލިބުނު ނަމަވެސް އެ ފައިސާ ޖަމާކުރަމުން ދިޔައީ އެހެން މީހުންގެ އެކައުންޓަށް ކަމަށާއި، މިގޮތުން ބޭނުންކުރި އެކައުންޓުތައް މެދުވެރިކޮށް އޭނާ ބޮޑެތި ޚަރަދުތައް ކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

މި މައްސަލއިގައި ޖޯން މެކަފީ އާއި ދެކޮޅަށް ކޮށްފައިވާ ދަޢުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 30 އަހަރުގެ ޖަލު ޙުކުމެއް އޭނާއަށް އަންނާނެއެވެ.

މަސްދަރުތަކާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މިވަގުތު ޖޯން މެކަފީ ހައްޔަރުކޮށްފައި ހުރީ ބާސެލޯނާގެ ޖަލެއްގައެވެ. އަދި އޭނާ އަނބުރާ އެމެރިކާއަށް ފޮނުވާލުމުގެ މަސައްކަތް ސްޕެއިން އިން މިހާރު ކުރަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އަހަރުވެސް ޖޯން މެކަފީ ހައްޔަރުކޮށްފައި ވެއެވެ. ޑޮމިނިކަން ރިޕަބްލިކުން އެފަހަރު އޭނާ ހައްޔަރުކޮށްފައި ވަނީ ނުރައްކާތެރި ހަތިޔާރާއެކު ޔޮޓެއްގައި ދަތުރުކުރަމުންދާ ކަމުގެ އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން އެޤައުމުގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައެވެ.

މީގެ އިތުރުން މަރުގެ މައްސަލައަކާއި ގުޅިގެން 2012 ވަނަ އަހަރު އޭނާ އާއި ސުވާލުވެސް ކުރެވިފައި ވެއެވެ. އެ މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތް މިންވަރަށް ބަލައި 25 މިލިއަން އެމެރިކަ ޑޮލަރުން ޖޫރިމަނާވެސް ކުރިއެވެ. ނަމަވެސް ޓްވީޓާގައި އޭނާ ބުނެފައިވަނީ އެ ފައިސާ ނުދައްކާނެ ކަމަށެވެ.

ޖޯން މެކަފީ ވަނީ 2016 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރަން ނިންމާފައެވެ. ނަމަވެސް އޭނާ ފަހުން ވަނީ ނަން ނަގާފައެވެ.

ޓްވީޓާގައި މިލިއަނަކަށްވުރެ ގިނަ ފޮލޯވަރުން ތިބޭ މެކަފީ، މިއަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ދާދިފަހުން ބުނެފައި ވަނީ އޭނާ މި އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދޭނެ ކަމަށެވެ. އަދި ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަކީ "އަޅުވެތިވާ ކަމެއް" ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

ޖޯން މެކަފީ އުފެއްދި "މެކަފީ" އެންޓިވައިރަސް އަކީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ކާމިޔާބު އެއް އެންޓިވައިރަސް ސޮފްޓްވެއާ އެވެ. ދެހާހުގެ ކުރީކޮޅު ގިނަ ބައެއްގެ މެދުގައި މަޤުބޫލުވެގެންދިޔަ އެ އެންޓިވައިރަސް ސޮފްޓްވެއާއިން "މެކަފީ" ކުންފުންޏަށް 2.6 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއެއް ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަވާ ޢަލީ

    ޤަވްމުގައި ތިބި ހުނަރުވެރި މަސައްކަތްތެރިންގެ ބުރަ މަސައްކަތުން އެމީހަކަށް ލިބޭ އާމުދަނީއަކީ މުޅި ގަވްމުގައި ދައުރުވާ އެއްޗެކެވެ. އެކަމުގެ ސަބަބުން އެ ޤަވްމެއްގެ އިޤްތިޞާދު ކުރިއަރައެވެ. މިފަދަ ހުނަރުވެރިން ކުރާ ކުދިކިދި ކުށްތަކަށް އަދަބުދީ އެތަކެއް ޒަމާންވަންދެން ބަންދުކޮށްފަހުރުމަކީ ޤަވްމަށްލިބޭނޭ ނިކަމެތިކަމެކެވެ. ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ދުރުވިސްނޭ އިޤްތިޞާދީ މާހިރު ޖަލަށްލުމުން މިޤަވްމަށް ލިބެމުންމިދާ ގެއްލުން ހަމައެކަނި ބަލާލިޔަސް މިކަން ސާފުވާނެއެވެ. ބޭރުގެ އިންވެސްޓަރުން ޤަވްމުދެކެ ފޫހިވެ ހެޔޮއެދޭމީހުން ވެރިކަމާމެދު ޝައްކުކޮށް ޤަވްމާމެދު ދަނީ ނަފްރަތުގެ ކަޅިއަޅަމުންނެވެ.