ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިނގިރޭސިވިލާތުން ފައްސިވި މީހުންގެ ތެރެއިން 85 އިންސައްތަ މީހުންގެ ފަރާތުން މި ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މިދިޔަ އޭޕްރިލް މަހާއި ޖޫން މަހާއި ދެމެދު އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހުނު މީހުންގެ މަޢުލޫމާތު އެއްކޮށްގެން އެޤައުމުގެ ނޭޝަނަލް ސްޓެޓިސްޓިކްސް އޮފީހުން، ތަޖުރިބާކާރުންނާއި ގުޅިގެން ކުރިޔަށްގެންދިޔަ މި ދިރާސާ އިން ވަނީ އެޤައުމުން ބަލި ޖެހޭ ގިނަ މީހުންނަށް، ކޮވިޑް-19 ގެ އާންމު އަލާމާތްތައް ވެސް އެއްވެސް ވަރަކަށް ނުފެންނަކަން ހާމަވެފައެވެ.

މިކަމުގެ ސަބަބުން އެޤައުމުގައި ގިނަ ބަޔަކަށް ބަލި ޖެހިފައި ވަނީ ނޭނގި ކަމަށާއި، ކޮވިޑް-19 އަށް ފައްސިވެފައިވާކަން އޭގެތެރެއިން ގިނަ މީހުންނަށް އެނގެނީވެސް ތަރުތީބެއްނެތި ނަގާ ސުންކު ތަކުން ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.

"އެންމެ ބޮޑަށް ބަލި ފެތުރުން އިތުރުވެގެންދިޔަ ސަބަބަކީ މިއީ ކަމަށް ޤަބޫލުކުރެވޭ. ކޮވިޑް-19 ޖެހިފައިވާ މީހަކު، ބައްޔަށް ފައްސިކަން ނޭނގި އެހެން ގިނަ ބައެއްގެ ތެރޭގައި ބަލި ފެތުރުން އެއީ ނުރައްކާ އިތުރުވެގެންދާ ކަމެއް،" ދިރާސާގެ އިސް ތަޖުރިބާކާރަކު ވިދާޅުވިއެވެ.

ދިރާސާވެރިން ބުނެފައިވާ ގޮތުން އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ފައްސިވާ ބައެއް މީހުންނަށް، ބަލީގެ ކުރީކޮޅު އަލާމާތްތައް ނުފެނި އިތުރު އެތައް ބައެއްގެ މެދުގައި ބަލި ފެތުރޭފަހުން ވެސް އަލާމާތްތައް ފެންނަން ފެށި ވޭދަނަތައް ގިނަ ކަމަށެވެ.

އެހެންކަމުން މި ދަނޑިވަޅުގައި ކޮވިޑް-19 ގެ އަލާމާތެއް ނުފެނުނު ކަމުގައި ވީނަމަވެސް ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށާއި، އިދާރާތަކުން އެޤައުމުގެ އެކި ސަރަޙައްދުތަކުން ސުންކު ނަގައިގެން ޓެސްޓު ކުރުމުގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ދިރާސާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

އިނގިރޭސިވިލާތަކީ މިހާރު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވަމުން އަންނަ އެއް ޤައުމެވެ. މިގޮތުން އިއްޔެވެސް ރެކޯޑް އަދަދަކަށް މީހުންނަށް އަލަށް ބަލި ޖެހި، އެޤައުމުން ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 561,815 އަށް އަރާފައެވެ. މިހާތަނަށް އިނގިރޭސިވިލާތުން މި ބަލީގައި 42,592 މަރުވެފައި ވެއެވެ.

އިނގިރޭސިވިލާތް ހިމެނޭހެން ޔޫރަޕުގެ ޤައުމުތަކަށް މިހާރު އަރަމުން ދަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދެވަނަ ރާޅެއް ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އެފަރާތްތަކުން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ބައެއް ޤައުމުތަކަށް ނުރައްކާ ދެގުނަވެގެން ހިނގައިދާނެކަމުގެ އިންޒާރުވެސް ދީފައެވެ.