އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިޗިގަންގެ ގަވަރުނަރު، ގްރެޗެން ވިޓްމާ ރަހީނުކޮށް މަރާލަން އުޅެނިކޮށް ސަލާމަތް ކޮށްފިއެވެ.

ނޫސްތަކުން ބުނާގޮތުން ވިޓްމާ ރަހީނުކުރަން ރާވަމުން ދިޔައީ ހަ މީހުންގެ ގްރޫޕަކުންނެވެ. މި މީހުން ވިޓްމާ ރަހީނުކޮށް މަރާލަން މަސައްކަތް ކޮށްފައި މިވަނީ މިޗިގަންގެ އިދާރާތަކަށް ނުފޫޒު ފޯރުވައި، އުސޫލުތަކާއި ޚިލާފަށް ކަންކަން ކުރައްވަމުންދާ ކަމުގެ ތުހުމަތުތައް ގިނަވެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ވިޓްމާ ރަހީނުކުރަން އުޅުނު މައްސަލަ އާއި ގުޅިގެން ތުހުމަތު ކުރެވޭ ހަ މީހުންވެސް އަތުލައިގެންފައި ވާއިރު، މި މީހުން އަތުލައިގެންފައި ވަނީ އެމެރިކާގެ އެފްބީއައި އިން ކުރިޔަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައެވެ. އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުން މި ހަމީހުންނަކީ ނިރުބަވެރި ޖަމާޢަތަކާއި ގުޅުން އޮންނަ ބައެއް ކަމަށް ވަނީ ބެލެވިފައެވެ.

މިކަމާއި ގުޅޭގޮތުން ވިޓްމާ ވިދާޅުވެފައި ވަނީ، ގަވަރުނަރެއްގެ މަޤާމަކީ ފަސޭހަ މަޤާމެއް ނޫންކަން ކުރިންވެސް އެނގޭ ކަމަށާއި، ނަމަވެސް "މިފަދަ ހާދިސާ އަކާއި ކުރިމަތިވެދާނެ ކަމަށް ހީވެސް ނުކުރާ" ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ކުރިންވެސް ދޭތެރެ ދޭތެރެއިން މީސްމީޑިއާ އާއި އެނޫންވެސް ގޮތްގޮތަށް އޭނާއަށް ބަޔަކު މަރުގެ އިންޒާރު ދެމުން ދިޔަ ކަމަށެވެ.

މި ހާދިސާ އާއި ގުޅޭގޮތުން އިދާރާތަކުން ބުނެފައިވަނީ، މި ހަމީހުން ދިޔައީ ވިޓްމާގެ އިތުރުން ސަލާމަތީ ބާރުތަކުގެ ބައެއް އޮފިޝަލުންނަށް ވެސް ފާރަލަމުންނެވެ. މިގޮތުން އެމީހުން ފާރަލަމުން ދިޔަ މީހުންގެ މަޢުލޫމާތު ހިމެނޭ "ޓާގެޓް ލިސްޓެއް" ވެސް ހޯދާފައިވާ ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ހަ މީހުންނަކީ ވެސް މިޗިގަން އަށް ނިސްބަތްވާ މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން 23 އަހަރާއި 44 އަހަރާއި ދެމެދުގެ ފިރިހެނުންނެވެ.

ވިޓްމާ އާއި އެނޫންވެސް ބައެއް އޮފިޝަލުން ރަހީނުކޮށް މަރާލަން ރާވަމުން ދިޔަ މައްސަލަ އާއި ގުޅިގެން މި ހަ މީހުންނަށް ޓެރެރިޒަމްގެ ދަޢުވާ ކުރުމަށް އިދާރާތަކުން އަންނަނީ ތައްޔާރުވަމުންނެވެ.