ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް މެކްސިކޯ އިން ފައްސިވީ މީހުންގެ އަދަދު އަށްލައްކައަށް އަރައިފި އެވެ. އެޤައުމުން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު އަށްލައްކައަށް އަރާފައި މިވަނީ އިއްޔެވެސް އިތުރު އެތައް ހާސް ބަޔަކަށް އަލަށް ބަލި ޖެހުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް މެކްސިކޯ އިން އިތުރު 5,300 މީހަކު ފައްސިވެފައި ވެއެވެ. މިއީ މީގެ ކުރިޔާއި އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް، ބަލީގެ ވޭދަނަތައް މަދުވުމަށްފަހު އަނެއްކާވެސް އެޤައުމަށް ވަނީ ނުރައްކާ ބޮޑުވާން ފަށާފައެވެ.

އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއެކު މެކްސިކޯއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 804,488 އަށް އަރާފައެވެ.

ކޮވިޑް-19 ފެތުރުން އަދިވެސް މެކްސިކޯގައި ކޮންޓްރޯލް ކުރެވިފައި ނުވާއިރު، މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އިތުރު 370 މީހުން ހިމެނޭހެން މެކްސިކޯ އިން މިހާތަނަށް ޖުމްލަ 83,096 މީހަކު ވަނީ މަރުވެފައެވެ. އެޤައުމަކީ މިވަގުތު ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ޤައުމެވެ.

މެކްސިކޯ އަށް ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެގެން ދިޔައީ މިދިޔަ ޖޫން، ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައެވެ. މިހާތަނަށް އެޤައުމުން އެންމެ ގިނަ ބަޔަކު ފައްސިވީ ކަމަށް ރެކޯޑް ކުރެވިފައި ވަނީ އޮގަސްޓު މަހުގެ ދެވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް އެޤައުމުން 9000 އަށްވުރެ ގިނަ މީހުން ފައްސިވިކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މެކްސިކޯ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 583,603 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު އެޤައުމުގައި ފަރުވާދެމުންދަނީ 137,789 މީހަކަށެވެ. އޭގެތެރެއިން 2,553 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

އެޤައުމަކީ ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމެވެ. އެހެންކަމުން ބަލީގައި ކުރިޔަށް އޮތް ދުވަސްތަކުގައި މެކްސިކޯ އިން މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ނުރައްކާ މެކްސިކޯއަށް އެބައޮތެވެ.

129 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެކްސިކޯއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.