ބަންގްލަދޭޝްގައި ރޭޕްގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބުދެވޭ ގޮތަށް އިސްލާހެއް ގެންނަން ތައްޔާރުވަމުން އަންނަ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

ރޭޕިސްޓުންނަށް މަރުގެ އަދަބުދޭން އިސްހާލެއް ގެންނަން ނިންމާފައި ވަނީ ދާދިފަހުން އެޤައުމުގައި ފިރިހެނުންތަކެއް އަނިޔާވެރި ގޮތަކަށް އަންހެނަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި ހާދިސާއެއްގެ ވީޑިއޯ ދައުރުވުމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުމެ އެކަމުގައި ބައިވެރިވި މީހުންނަށް މަރުގެ އަދަބުދޭން ގޮވާލައި މުޒާހަރާ ކޮށްފައި ވަނިކޮށެވެ.

ބަންގްލަދޭޝްގެ ލޯ މިނިސްޓަރ، އަނީސުލް ހައްޤު ނޫސްތަކުގައި ވިދާޅުވީ، ރޭޕްގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދިނުމާއި ގުޅޭ އިސްލާހު ވަރަށް އަވަހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ. މި އިސްލާހު ރިވިއު ކުރުމަށް އަންނަ ހޯމަ ދުވަހު ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެ ކަމަށްވެސް އަނީސުލް ހައްޤު ވިދާޅުވިއެވެ.

މީގެ ކުރިން ރޭޕްގެ ކުށް ސާބިތުވާ މީހުންނަށް ބަންގްލަދޭޝްގައި އަޅާ އެންމެ ހަރުކަށި ފިޔަވަޅެއްގެ ގޮތުގައި އޮންނަނީ އުމުރު ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް މިއީ އެފަދަ މީހުންކުރާ ކުށާއި ބަލައި އެކަށީގެންވާ އަދަބެއް ނޫންކަމަށް ބަންގްލަދޭޝްގެ ޖަމިއްޔާ ޖަމާޢަތްތަކުން ކުރިންވެސް ދިޔައީ ބުނަމުންނެވެ.

ބަންގްލަދޭޝްގައި ޖިންސީ ގޯނާ އާއި ރޭޕްގެ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، އެޤައުމުގައި ހަމައެކަނި މިއަހަރުގެ ތެރޭގައި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރޭޕްގެ 950 ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށް، ބަންގްލަދޭޝްގެ އިންސާނީ ހައްޤުތަކާއި ބެހޭ ޖަމާޢަތަކުން ވަނީ ބުނެފައެވެ. އެ ޖަމާޢަތުން ބުނެފައިވަނީ، މިފަދަ ހާދިސާތައް ރެކޯޑް ކުރެވިފައިވާ އަދަދަށްވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ.

އަންހެނުންގެ ހައްޤުތައް ޙިމާޔަތްކޮށް ޖިންސީ ގޯނާ އާއި ރޭޕްގެ ކުށް ސާބިތުވާ މީހުންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލައި ބަންގްލަދޭޝްގެ ވެރިކަންކުރާ ޑާކާ އާއި އެނޫންވެސް ބައެއް ސިޓީތަކުގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާ ކުރަމުންދާތާ ހަފްތާއެއްހައި ދުވަސް ވަނީ ވެފައެވެ.

ދާދިފަހުން ބަންގްލަދޭޝްގައި ހިނގި އަނިޔާވެރި ރޭޕްގެ ހާދިސާ އާއި ގުޅިގެން މިހާތަނަށް ދިހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެޤައުމުގެ އިދާރާތަކުން ވަނީ ބުނެފައެވެ. އެ ހާދިސާގައި ރޭޕްގެ ޝިކާރައަކަށް ވެފައި ވަނީ ހޮސްޓެލްއެއްގައި އުޅުނު ޒުވާން އަންހެން ދަރިވަރެކެވެ.