ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި މިދިޔަ އޮގަސްޓު މަހު ހިނގި ބާރުގަދަ ގޮވުމުގެ ގެއްލުންތަކުން އަރައި ނުގަނެވެނީސް، އަނެއްކާވެސް އެ ސިޓީގައި އިތުރު ގޮވުމެއް ގޮވައި ހަތަރު މީހަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެ އެވެ.

ނޫސްތައް ބުނާގޮތުން ރޭގެ ވަގުތެއްގައި ހިނގި މި ނުރައްކާތެރި ހާދިސާ ހިނގާފައި ވަނީ ބެއިރޫތުގެ ތާރިގް-އަލް-ޖަދީދާ ނަމަކަށްކިޔާ ސަރަޙައްދެއްގައެވެ. މި ހާދިސާ ހިނގާފައި ވަނީ ތެޔޮ ރައްކާކޮށްފައި ހުރި ޓޭންކެއްގައި ރޯވެގެންނެވެ.

ގިނަ އަދަދެއްގެ އާންމުން ދިރިއުޅޭ ސަރަޙައްދެއްގައި ހިނގި މި ހާދިސާގައި ރޯވި އަލިފާނުގެ ސަބަބުން ބައެއް ގެތަކާއި އުޅަނދުތައް ވަނީ އަނދާފައެވެ. އަދި މި ހާދިސާގައި ބައެއް އިމާރާތްތައްވެސް ވެއްޓިފައި ވާއިރު، އެ ސަރަޙައްދަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. މި ހާދިސާ ހިނގި ސަރަޙައްދުގައި ސަލާމަތީ ބާރުތަކުންނާއި ރެސްކިއު ޓީމުތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ލުބުނާނުގައި ހަރަކާތްތެރިވާ ރެޑްކްރޮސްގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުން މި ހާދިސާގައި މިހާތަނަށް 20 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން އަންނަނީ ފަރުވާދެމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ. އަދި ހާދިސާ އާއި ގުޅޭގޮތުން ލުބުނާނުގެ ރަސްމީ އިދާރާއަކުން އަދި އެއްޗެއް ހާމައެއް ނުކުރެއެވެ.

ރޭ ހިނގި މި ނުރައްކާތެރި ހާދިސާ އާއި ގުޅިގެން މަންޒަރުދުށް މީހަކު ބުނީ، ޓޭންކުގައި ރޯވެ ބާރުގަދަ ގޮވުމެއް ގޮވި ވަގުތު ބައެއް ގެތަކަށް ވެސް ލޮޅުން އައިސްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ބެއިރޫތުގައި ގޮވި ބާރުގަދަ ގޮވުން ހިނގި ސަރަޙައްދާއި ދުރުނޫން ހިސާބެއްގައެވެ. އެ ގޮވުމުގައި 203 މީހަކު މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވެފައި ވެއެވެ.

އޮގަސްޓު މަހު ބެއިރޫތުގައި ގޮވި ހާދިސާގައި އެ ސިޓީގެ ބޮޑު ބައެއް ވަނީ ބިމާއި ހަމަވެފައެވެ. އެ ހާދިސާގައި އެ ސިޓީއަށް ވަނީ އަރައިނުގަނެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ހާދިސާގައި ގެއްލުނު ބައެއް މީހުން އަދިވެސް ނުފެނެއެވެ.