ގެއްލުނު އޭއެން-32 މަރުކާގެ ބޯޓެއް

އިންޑިޔާގެ ޗެންނާއީއިން ފުރައިގެން އެ ޤައުމުގެ ޖަޒީރާ ރަށްތަކެއްކަމުގައިވާ އަންޑަމަންސް އަދި ނިކޯބަރ އައިލެންޑްސްގެ ޕޯރޓް ބްލެއަރ އަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު އިންޑިޔާ އަސްކަރިއްޔާގެ އޭއެން-32 މަރުކާގެ ބޯޓު އަދި ފެނިފައިނުވާކަމަށާއި ބޯޓުގެ ނިޝާންތަކެއްވެސް ފެނިފައިނުވާކަމަށް އެ ޤައުމުން ބުނެފިއެވެ.

އެ ޤައުމުގެ ދިފާއީ ވުޒާރާއިން މިއަދު ބުނެފައިވަނީ މި ބޯޓު ހޯދުމުގެ އޮޕަރޭޝަނުގައި 12 މަނަވަރާއި، ހަތަރު ސާވައިލެންސް މަތިންދާބޯޓާއި ސަބްމެރިންއެއް ހަރަކާތްތެރިވަމުންދާކަމަށެވެ. ހަމަ އެހެންމެ އިންޑިޔާގެ ޑިފެންސް މިނިސްޓަރ މަނޯހަރު ޕަރިއްކަރު އިއްޔެގެ ވަގުތެއްގައި ޗެންނާއީއަށް ވަޑައިގަނެ އެއާރަލް ސަރވޭއެއް ހައްދަވާފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. އަދި މި އޮޕަރޭޝަން ވެގެންދާނީ އިންޑިޔާއިން މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނަށްކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުންވެސް ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި ގެއްލުނު ފްލައިޓުގައި 29 މީހަކު ދަތުރުކުރަމުން ދިޔައެވެ. އޭގެ ތެރޭގައި ހަތަރު އޮފިސަރުންނާއި، 17 އެހެނިހެން އަސްކަރީ ފަރާތްތަކާއި އަށް އާއްމުންގެ މީހުން ހިމެނެއެވެ. އެންޓަނޮވް-32 މަރުކާގެ މި ބޯޓު ނައްޓާލާފައިވަނީ އިއްޔެ ހެނދުނު 08:30 ގައި ޗެންނާއީގެ ޓަމްބަރަމުންނެވެ. އަދި އެ ބޯޓާއި އެންމެ ފަހުން އެއަރ ޓްރެފިކް ކޮންޓްރޯލަށް ގުޅިފައިވަނީ 08:46 ގައިކަމަށް މައުލޫމާތު ލިބެއެވެ.

ހާމަކޮށްފައިވާ އިތުރު މައުލޫމާތަށް ބަލާއިރު މި ބޯޓު އެންމެ ފަހުން ރާޑަރުން ފެނިފައިވަނީ ޗެންނާއީގެ 151 ނޯޓިކަލް މޭލު އިރުމަތިންނެވެ. އަދި ބޯޓު ވައަތަށް އަނބުރާލާ 23،000 ފޫޓު މަތިން ތިރިއަށް އަންނަކަން ފާހަގަކުރެވިފައިވާކަމަށް ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވެއެވެ.

ADS BY SHEESHA

މި ބޯޓު ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، މި މަހުގެ ކުރީކޮޅު މި ބޯޓަށް ތިން ޓެކްނިކަލް މައްސަލަ ޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް އެ މައްސަލަތަކަކީ ސީރިޔަސް ބޮޑެތި މައްސަލަތަކެއް ނޫންކަމަށް މައުލޫމާތު ލިބެއެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި މި ބޯޓު އެއްކޮށް އޯވަހޯލް ކޮށްފައިވެއެވެ.

Comments are closed.