އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމަށް އެޤައުމުގައި ކުރިޔަށްގެންދިޔަ ހަރަކާތުގައި ދައްކާފައިވާ ބޮޑު މިސައިލަކީ "ފޭކް" އެއް ކަމަށް އެމެރިކާ އަސްކަރިއްޔާގެ ކުރީގެ އިންޓެލިޖެންސް އޮފިސަރަކު ވިދާޅުވެއްޖެ އެވެ.

އުތުރު ކޮރެއާގެ ލިޔޮންގްޔަންގައި މި މިސައިލް ދައްކާލާފައި ވަނީ، އެޤައުމުގެ ވެރިކަންކުރާ ޕާޓީގެ ވެރިކަމަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޕެރޭޑެއްގެ ތެރޭގައެވެ. ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި އެ ޕެރޭޑުގައި އުތުރު ކޮރެއާއިން އުފައްދާފައިވާ އެކި މިސައިލްތަކާއި އެނޫންވެސް ހަތިޔާރު ދައްކާލާފައި ވެއެވެ.

މީގެ ތެރެއިންވެސް އެންމެ ގިނަ ބަޔަކަށް ފާހަގަކުރެވުނީ އެޤައުމުން "ޑޫމްސްޑޭ މިސައިލް" ގެ ގޮތުގައި އުފައްދާފައިވާ ބޮޑު މިސައިލަށެވެ. 22 ފުރޮޅުލީ އުޅަނދެއްގައި ގެންދިޔަ މި މިސައިލަކީ މިހާތަނަށް އުތުރުކޮރެއާ އިން ދައްކާލި މިފަދަ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު މިސައިލެވެ.

މިކަމާއި ގުޅޭގޮތުން ގިނަ ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައި އުތުރު ކޮރެއާއަށް ފާޑުކިޔުން އަމާޒުކޮށް އެމެރިކާގެ ކުރީގެ އިންޓެލިޖެންސް އޮފިސަރ، މައިކަލް ޕްރިގެންޑް ވިދާޅުވީ، މި މިސައިލު ދައްކާލީ ދުނިޔޭގެ ބޮޑެތި ބާރުތައް ސިއްސުވާލުމުގެ ގޮތުން ކަމަށާއި، ނަމަވެސް އެ މިސައިލަކީ އޮޅުވާލުމުގެ ގޮތުން ތައްޔާރުކޮށްފައިވާ "ފޭކް" އެއްޗެއް ކަމަށެވެ.

މައިކަލް އިތުރަށް ވިދާޅުވެފައިވަނީ، މީގެ ކުރިންވެސް އުތުރު ކޮރެއާއިން "މިފަދަ ހެއްވާ ކަންކަން" ކޮށްފައިވާ ކަމަށާއި، އެޤައުމުން ބުނާހައި އަސްކަރީ ގޮތުން އެޤައުމު ބާރުގަދަކަމަށް ޤަބޫލުކުރަން ދަތި ކަމަށެވެ. ޚާއްސަކޮށް އިއްޔެގެ ހަރަކާތުގައި ދައްކާލި މިސައިލުން އެކަން ހާމަވާ ކަމަށާއި، އެ މިސައިލަކީ އަސްކަރީ ބޭނުންތަކަށް އެކަށީގެން ނުވާ ސިފަތައް ހުރި މިސައިލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ޤައުމުތަކަށް މެސެޖެއް ދިނުމުގެ ގޮތުން މިސައިލެ ސިފަވާ ގޮތަށް ހަދާފައިވާ އެއްޗެއް. އަދި އެއީ ދުނިޔޭގެ އަސްކަރީ ބާރު އެންމެ ގަދަ ޤައުމަކީ އުތުރު ކޮރެއާ ކަމަށް ޤަބޫލުކުރުވުމަށް ހިންގި ހަރަކާތެއް،" މައިކަލް ވިދާޅުވިއެވެ.

އޭނާ މިގޮތަށް ވިދާޅުވިނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުން އުތުރު ކޮރެއާއިން ދައްކާލާފައިވާ ހަތިޔާރަކީ ފޭކެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި، މީގެ ކުރިން އެޤައުމުން އެތައް ފަހަރެއްގެ މަތީން މިސައިލް ޓެސްޓުކުރުންތައް ކުރިޔަށް ގެންގޮސްފައިވުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.

އެމެރިކާ އަސްކަރިއްޔާގެ ކުރީގެ އޮފިޝަލްގެ ތުހުމަތުތަކާއި ގުޅިގެން އުތުރު ކޮރެއާއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިއްޔެގެ ހަރަކާތުގައި ބައިވެރިވެ ވަޑައިގެން އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮން-އުން ވިދާޅުވެފައި ވަނީ، އުތުރު ކޮރެއާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ބާރު ކަމަށާއި، އެހެންކަމުން އެޤައުމާއި ދެކޮޅަށް ފިޔަވަޅެއް އަޅާ ކޮންމެ ބަޔަކުވެސް އެކަމުގެ އަގު އަދާކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ކޮންމެ ހާލަތަކަށްވެސް އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށް ކިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރިހާކުރުކުޑޭ

    އެމެރިކާނޫންބަޔަކުހަދައިފިއްޔާ އެވަނީފޭކަކަށް އެހެންނޫނީ އެމެރިކާގެ ރެސިޕީވަގަށްނަގައިގެން ކެެއްކިރިހަގަނޑަކަށް !!! ފުކެއްބޮޑުވަރުދޯ

    28
    1
    • ހެހެ

      ހެހެ

  2. ހެހެ

    ހެހެ