ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރ، މާރިޔާ ގެބްރިއެލް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އީޔޫގެ "އިނޮވޭޝަން ރީސާޗް، ކަލްޗަރ، އެޑިއުކޭޝަން އެންޑް ޔޫތް" ކޮމިޝަނަރގެ މަޤާމުގައި ހުންނަވާ ގެބްރިއެލް ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކުރެއްވި ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ގެބްރިއެލް ވިދާޅުވީ ފުރަތަމަ ޓެސްޓު ކޮވިޑް-19 އަށް ނައްސިވުމަށްފަހު ހޯމަ ދުވަހު ހެދި ދެވަނަ ޓެސްޓުން މި ބައްޔަށް ފައްސިވެފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން މިހާރު ހުންނެވީ، އުސޫލުތަކާއި އެއްގޮތަށް ގޭގައި އައިސޮލޭޓް ވެގެން ކަމަށާއި ހާލު ރަނގަޅު ކަމަށް ވެސް ގެބްރިއެލް ވިދާޅުވިއެވެ.

ގެބްރިއެލް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، އެކަމަނާއާއެކު މަސައްކަތްކުރައްވާ މެމްބަރަކު މި ބައްޔަށް ފައްސިވުމުން ހެދި ޓެސްޓަކުންނެވެ. ގެބްރިއެލް އަކީ އީޔޫ ކޮމިޝަންގެ ހެޓްކުއާޓާސް ހުންނަ ބެލްޖިއަމް އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ އެންމެ އިސް ބޭފުޅާއެވެ.

ބެލްޖިއަމް އަކީ މިވަގުތު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. ބެލްޖިއަމް ހިމެނޭހެން ޔޫރަޕުގެ އެހެން ބޮޑެތި ޤައުމުތަކަށްވެސް ނުރައްކާ އަންނަނީ އިންތިހާއަށް ބޮޑުވަމުންނެވެ. ސިއްޙީ މާހިރުން ވިދާޅުވާ ގޮތުން ޔޫރަޕަށް މިހާރު އަރަމުންދަނީ ކޮވިޑް-19 ގެ ނުރައްކާ ބޮޑު ދެވަނަ ރާޅެވެ.

އީޔޫގެ ކޮމިޝަނަރ ގެބްރިއެލް ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮންޑާލޭން ވެސް ދާދިފަހުން ކޮވިޑް-19 ޖެހިފައިވާ މީހަކާއި ބައްދަލުވެފައިވާތީ ވަނީ ކަރަންޓީނަށް ވަޑައިގެންފައެވެ. އަދި ޔޫރަޕިއަން ކައުންސިލްގެ ރައީސް، ޗާލްސް މައިކަލް ވެސް ވަނީ މުވައްޒަފަކު ފައްސިވުމުން ކަރަންޓީނުވެވަޑައިގެންފައެވެ.