ތައިލެންޑުގައި ބަހަކާއި ރޭލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި 18 މީހުން މަރުވެއްޖެ އެވެ.

މިއަދު ހިނގާދިޔަ މި ހާދިސާގައި 40 މީހުންނަށް އަނިޔާވެފައިވާއިރު މި ހާދިސާ ހިނގާފައި ވަނީ ބެންކޮކާއި 50 ކިލޯމީޓަރު ދުރުންނެވެ. މި ހާދިސާގައި އެކްސިޑެންޓުވި ބަހުގައި ތިބީ އެޤައުމުގެ ދީރީ ހަރަކާތަކަށް ދިޔަ މީހުންނެވެ.

މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް ކައިރި ހޮސްޕިޓަލްތަކުން ފަރުވާދީފައިވާކަމަށް ޕްރޮވިންޝަލް ހޮސްޕިޓަލުގެ ޑިރެކްޓަރު ސޮމްބަތް ޗުޓިމަނުކުލް ވަނީ ބުނެފަ އެވެ. އޭނާ ބުނީ ހަތަރު މީހުން ނާޒުކު ހާލުގައި ފަރުވާހޯދަމުންދާ ކަމަށާއި އަށް މީހުން މިހާރު އޮބްޒަވޭޝަންގައި ތިބި ކަމަށެވެ.

މި ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވެ އެސަރައްދަށް ކެރޭނުގެ އެހީގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދިޔައެވެ. އަދި ކެރޭނުގެ އެހީގައި ރޭލާއި ބަހުގައި ތާށިވެފައި ތިބި ފަރާތްތައް ސަލާމަތްކޮށްފައިވާކަމަށް އެޤައުމުގެ ނޫސްތަކުން ރިޕޯޓު ކުރެ އެވެ.

އެ ޕްރޮވިންސުގެ ގަވަނަރު މައިތްރީ ތުރިޓިލަންޑް ބުނެފައި ވަނީ، އެ ބަހުގައި ސަމުތް ޕްރަކާން ޕްރިވިންސުން ޗަޗުސެންގްސައޯ ފައްޅިއަށް ދިއުމަށް ދަތުރުކުރަމުންދިޔަ 60 މީހުން ތިބި ކަމަށެވެ.

ތައިލެންޑުގައި މިފަދަ ހާދިސާތައް ޢާންމުކޮށް ހިނގާއިރު މިފަދަ ހާދިސާތަކުގައި މަރުވާ މީހުންގެ ޢަދަދުވެސް އިތުރެވެ. ތައިލެންޑުގެ މަގުތައް ބެލެވިފައި ވަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މަގުތައް ގޮތުގައެވެ.

2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތާއި ބެހޭ ވުޒާރާއިން ނެރުނު ރިޕޯޓު ދައްކާގޮތުން ތައިލެންޑަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ މަގުމަތީގެ އެކްސިޑެންޓުތަކުގައި މީހުން މަރުވާ ޤައުމެވެ.