ބޮޑުހަނގުރާމައިގެ ދުވަސްވަރު ބޭނުންކުރި ނުގޮވާ އޮތް ބޮމެއް އޮސްޓްރޭލިއާގެ ކަނޑުގެ ސަރަޙައްދުން ނަގައިފިއެވެ.

މި ބޮން ނަގާފައިވަނީ އޮސްޓްރޭލިއާގެ އިރުދެކުނު އައްސޭރިއާއި 550 ކިލޯމީޓަރު ދުރު ހިސާބަކުންނެވެ. ބަރުދަނުގައި 45 ކިލޯ ހުރި މި ބޮން ނަގާފައިވަނީ އޮސްޓްރޭލިއާ ނޭވީގެ ޑައިވަރުންގެ ޓީމަކުންނެވެ.

އެންމެ ފުރަތަމަ މި ބޮން ފެނިފައިވަނީ އެ ސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅުނު އާންމު މީހަކަށެވެ. އޭނާއަށް ބޮން ފެނުމުން ފޮޓޯ ނަގައިގެން އެކަން އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައި ވެއެވެ. މިއާއެކު އެ ސަރަޙައްދުގައި ފީނުމާއި މަސްވެރިކަން ކުރުން އޮތީ މަނާކޮށްފައެވެ.

ނުރައްކާތެރި މި ބޮން އޮތީ ކަނޑުގެ 550 މީޓަރު އަޑީގައި ކަމަށް އިދާރާތަކުން ވިދާޅުވެފައި ވެއެވެ. އެހެންކަމުން ބޮން އޮތް ފުންމިނުގެ ސަބަބުން އެ ބޮން ގޮވިނަމަވެސް ނުރައްކާތެރި ބޮޑު ހާދިސާއެއް ހިނގުމަކީ ނާދިރު ކަމެއް ކަމަށް އޮފިޝަލުން ކުރިން ވިދާޅުވެފައި ވެއެވެ.

އާންމުންނަށް ނުރައްކަލެއް ނެތްނަމަވެސް މި ބޮން ނަގާފައިވަނީ އެ ސަރަޙައްދުގައި އޮންނަ ފަރާއި ކަނޑުގެ ދިރުންތަކުގެ ރައްކާތެރިކަމަށްޓަކައި ކަމަށް އިދާރާތަކުން ވިދާޅުވެފައި ވެއެވެ.

މިއީ ސީދާ ކޮން ތާރީޚެއްގައި އެ ސަރަޙައްދަށް ވައްޓާލާފައި އޮތް ބޮމެއް ކަމެއް ނޭނގެއެވެ. ނަމަވެސް މިއީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އެ ސަރަޙައްދުން ދަތުރުކުރި ސަބްމެރިން އަކަށް އަމާޒުކޮށް ހަމަލާ ދިނުމަށް ވައްޓާލި ބޮމެއް ކަމަށް ވަނީ ޤަބޫލު ކުރެވިފައެވެ.

މީގެ ކުރިންވެސް ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބޭނުންކުރި ބޮންތައް ނުގޮވާ ހުއްޓާ ދުނިޔޭގެ އެކި ސަރަޙައްދުތަކުން ފެނިފައި އެބަހުއްޓެވެ.