ރަހުމުކުޑަ ގޮތަކަށް މުސްލިމުންނަށް އަނިޔާދީ ލޭއޮހޮރުވުމެއް ހިންގާނެކަމުގެ އިންޒާރުގެ މެސެޖަކާއި ގުޅިގެން ކެނެޑާގެ ސިޓީއެއް ކަމަށްވާ ޓޮރޮންޓޯގެ މިސްކިތެއް ބަންދުކޮށްފިއެވެ.

ކެނެޑާގެ ހުޅަނގުއުތުރު އައްސޭރީގެ ސަރަޙައްދެއްގައި އޮންނަ މި ސިޓީގެ މިސްކިތަކަށް އިންޒާރު ލިބުނު ނަމަވެސް އެއީ ކޮން މިސްކިތެއް ކަމެއް އިދާރާތަކުން ހާމައެއް ނުކުރެއެވެ.

މަސްދަރުތަކާއި ހަވާލާދީ ނޫސްތައް ބުނާގޮތުން، މިސްކިތަށް ފޮނުވި އިންޒާރުގެ މެސެޖުގައި، ނިއުޒިލޭންޑުގެ ކްރިސްޗާޗްގެ މިސްކިތަކަށް މިދިޔަ އަހަރުގެ މާރިޗު މަހު ދިންފަދަ ހަމަލާއެއްދީ، ބޮޑު ލޭއޮހޮރުވުމެއް ހިންގާނެކަމަށް ވަޢުދުވެ އިންޒާރު ވަނީ ދީފައެވެ. މި އިންޒާރު ދީފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ނަމަވެސް އެއީ ކޮން ބަޔަކު ފޮނުވި އިންޒާރެއް ކަމެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ކެނެޑާގެ ނޭޝަނަލް ކައުންސިލް އޮފް ކެނެޑިއަން މުސްލިމްސް (އެންސީސީއެމް) ގެ ސީއީއޯ މުސްތަފާ ފާރޫޤު ވިދާޅުވީ، މިއީ އާދައިގެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ. މިސްކިތް ބަންދުކުރީ އެ ސަބަބަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އީމެއިލް މެދުވެރިކޮށް ދިން އެ އިންޒާރަކީ ބިރުވެރި އިންޒާރެއް. މިސްކިތް ބަންދުކުރީ މިކަން އިތުރަށް ބަލައި ރައްކާތެރިކަން ކަށަވަރު ކުރެވެންދެން. ނަމަވެސް މިސްކިތަށް އިތުރު ނުރައްކަލަކާއި ކުރިމަތިވެދާނެތީ ނަން ހާމަނުކުރަން ވަނީ ނިންމާފައި،" ފާރޫޤު ވިދާޅުވިއެވެ.

މި އިންޒާރާއި ގުޅިގެން ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ، މިކަމާއި މެދު ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން މިފަދަ ހަމަލާއަކުން ދިފާޢުވުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. ޓްރޫޑޯގެ އިތުރުން ޓޮރޮންޓޯގެ މޭޔަރު، ޖޯން ޓްރޯއި ވެސް ވަނީ މިކަން ކުށްވެރިކުރައްވާފައެވެ.

ޓޮރޮންޓޯގެ މިސްކިތަކަށް އިންޒާރުގެ މެސެޖެއް ފޮނުވާފައި މިވަނީ އެ ސިޓީގެ މިސްކިތެއްގައި ވޮލެންޓިއާ މަސައްކަތްކުރާ މީހަކަށް މިދިޔަ ސެޕްޓެމްބަރު މަހު ވަޅިން ހަމަލާދީ ޝަހީދުކޮށްލި މައްސަލައެއްވެސް ފެންމަތިވެފައި ވަނިކޮށެވެ.