ޔޫރަޕުގެ ޤައުމެއް ކަމަށްވާ ބަލްގޭރިއާއަށް އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން ފޮނުވަން ތައްޔާރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާއިން ވަނީ އެޤައުމަށް 2500 ސިފައިން ފޮނުވަން ނިންމާފައެވެ. މި ސިފައިން ބަލްގޭރިއާއަށް ފޮނުވަނީ މި މަހުގެ 7 ވަނަ ދުވަހު ދެޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް ވެއެވެ.

އެ ދުވަހު ބަލްގޭރިއާގެ ޑިފެންސް މިނިސްޓަރ ކްރަސިމީރް ކަރަކަޗަނޯވް އާއި އެމެރިކާގެ ޑިފެންސް މިނިސްޓަރ މާކް އެސްޕާ، އެމެރިކާގެ ވޮޝިންޓަނުގައި ބައްދަލުކުރައްވާފައި ވެއެވެ. އެ ބައްދަލުވުމުގައި ދެޤައުމުގެ އަސްކަރީ ގުޅުން އިތުރުކުރުމަށް މަޝްވަރާކުރެވިފައި ވެއެވެ.

ބަލްގޭރިއާގެ ޑިފެންސް މިނިސްޓްރީން ވިދާޅުވެފައި ވަނީ އެމެރިކާއާއެކު އެޤައުމުން އަސްކަރީ ގުޅުން އިތުރުކުރަން ނިންމީ އެޤައުމާއި އެޤައުމުގެ ކަންޑުގެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކަމަށެވެ. މިގޮތުން އެމރިކާ ސިފައިން ބަލްގޭރިއާއަށް ގެންދަނީ ދިހަ އަހަރުގެ މުއްދަތަށް ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ބަލްގޭރިއާއަށް ފޮނުވާ އެމެރިކާގެ ސިފައިން ތިބޭނީ އެޤައުމުގެ ހަތަރު ސަރަޙައްދެއްގައި ޤާއިމްކޮށްފައިވާ އަސްކަރީ މަރުކަޒުތަކުގައެވެ. ސިފައިން ބަލްގޭރިއާގައި ހަރަކާތްތެރިވާއިރު ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް އަންނަނީ ރާވަމުންނެވެ.

ބަލްގޭރިއާއިން އެންމެ ފުރަތަމަ އެމެރިކާއާއެކު އަސްކަރީ ގުޅުން ޤާއިމްކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ. އެޤައުމުން ވަނީ މި ގުޅުން ދެމެހެއްޓުމަށް އެންމެ ފަހުން ވެވުނު އެއްބަސްވުމުގެ ދަށުން އެމެރިކާގެ އެފް-16 އަސްކަރީ ޖެޓުތައް އެމެރިކާއިން ގަންނަންވެސް ނިންމާފައެވެ.

އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން ބަލްގޭރިއާ ނޫން އެހެން ޤައުމުތަކުގައި ވެސް ހަރަކާތްތެރިވެއެވެ. އޭގެތެރޭގައި އަފްޣާނިސްތާނާއި އިރާގާއި ސީރިއާ ފަދަ ޤައުމުތައް ހިމެނެއެވެ. އާންމު ގޮތެއްގައި އެމެރިކާ ސިފައިން ޤައުމުތަކަށް ފޮނުވަނީ އެޤައުމުތަކުގެ ސަލާމަތީ ކަންކަން އިތުރު ކުރުމަށް ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާއްޖެ

    އެމެރިކާ މީހުން އަދަދު ހާމަ ކުރޭތަ؟ ގައުމީ ސަލާމަތަށް ނުރައްކާ ނުވޭތަ؟

    17
  2. ހޯލި

    ބަލްގޭރިޔާގެ ސިޔާދަތާ މިނިވަންކަމަށް ވާނެގޮތް އެނގޭނީ އަދުރޭއަށެވެ.

    4
    8
  3. ވެރިން

    ބަލްގޭރިޔާ މީހުން އެގައުމުގަ އެމެރިކާ ސިފައިން ތިބި އަދަދު ގައުމީ ސަލާމަތަށް ނުރައްކާ ނުވާ ގޮތަށް ހާމަ ކުރިގޮތް އޮޅުންފިލުވާލާފަ މިގައުމުގެ އިންޑިޔާ ސިފައިން ތިބި އަދަދުވެސް ހާމަ ކޮއްދެއްވާ

    16
  4. ކެނެރީ

    ގައިމު ބުއްޅަ ބުނީ އެހެން ގައުމުތަކުން އަދަދުތަކެއް ހާމަ އެއް ނުކުރެޔޭ