ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ސިއްޙީ ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަން ފަށައިފިއެވެ.

އުމުރުފުޅުން 82 އަހަރުގެ މަހްމޫދު އައްބާސް އިސްތަޝާރީ އެރަބް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާކަމަށް ދުނިޔޭގެ ހަބަރު ފަތުރާ ވަސީލަތް ތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ.

އައްބާސްގެ ހާލުކޮޅު ގޯސްވެފައި މިވަމި އިސްރާއީލުން ފަލަސްތީނުގެ އެތަށް ބަޔަކު ޝަހީދު ކޮއްލާފައި ވަނިކޮށެވެ. އައްބާސް ވަނީ ހުސްވި ހަފްތާގެ އަންގާރަ ދުވަހު ކަންފަތްޕުޅުގެ އޮޕަރޭޝަނެއް ވެސް ކުރައްވާފައެވެ.

ހާލުކޮޅު ގޯސްވުމުގެ ސަބަބުން އައްބާސް ތުރުކީން އިސްނަގައިގެން ބޭއްވި އޯއައިސީ ސަމިޓްގައި ވެސް ބައިވެވަޑައިގެންފައި ނުވެއެވެ. މިއީ ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ހޮސްޕިޓަލުން ފަރުވާ ހޯއްދެވި ތިން ވަނަ ފަހަރު ކަމަށް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން ފެބްރުއަރީ މަހު ވެސް އައްބާސް ވަނީ އެމެރިކާގައި މެޑިކަލް ޓެސްޓުތަކެއް ހައްދަވާފައެވެ.

ފަލަސްތީނުގެ ސިޔާސީ ދާއިރާ އަށް އައްބާސް ނުކުންނެވީ 2003 ވަނަ އަހަރު އިސްރާއީލާއި އެމެރިކާ އިން ޔާސިރު އަރަފާތާ މުއާމަލާތް ކުރުމާ ދެކޮޅު ހަދައި، ބޮޑުވަޒީރަކު އައްޔަން ކުރުމަށް ފިއްތުންތައް ކުރިމަތި ކުރުމާ ގުޅިގެންނެވެ. ހުޅަނގާއި އެމެރިކާގެ ފިއްތުންތަކާ ގުޅިގެން 19 މާޗް 2003 ގައި އަރަފާތު ވަނީ އައްބާސް ބޮޑުވަޒީރަކަށް ހަމަޖައްސަވައިފަ އެވެ.

ފަތަހަ ޖަމާއަތުގެ ޓިކެޓްގައި މަހުމޫދު އައްބާސް ފަލަސްތީނުގެ ރައީސް ކަމަށް ވަޑައިގެންނެވީ 2005 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ ފަހުން އިންތިޚާބެއް ބޭއްވިފައި ނެތުމާއެކު އައްބާސް ގެންދަވަނީ ރައީސް ކަމުގެ މަގާމު މިއަދާ ހަމައަށްވެސް އަދާ ކުރައްވަމުންނެވެ.

އައްބާސްގެ ރައީސް ކަމުގައި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރާ ހާމާސް ޖަމާއަތާއި އައްބާސް ނިސްބަތްވެވަޑައިގަންނަވާ ފަތަހަ ޖަމާއަތާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ. ނަމަވެސް އިސްރާއިލްގެ ޔަހޫދީންގެ ދުއްތުރާތައް ބޮޑުވެ ފަލަސްތީނުގެ ބިންތަކަށް ވެރިވާން ފަށައި ހަމަނުޖެހުން ހިންގާން ފެށުމުން މި ދެ ޖަމާޢަތްވެސް ވަނީ ޤައުމުގެ މިނިވަންކަމަށް އެކުގައި ނިކުމެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސައިން

    އަވަސް ޝިފާ ދެއްވާށި! އާމީން!