ފްރާންސުގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ މުސްލިމުންނާއި މެދު އަނިޔާވެރިވެ، އެކި ގޮތްގޮތުން ދަތިކުރުންތައް ކުރިމަތިކުރުވަމުން އަންނަ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ފްރާންސްގައި މުސްލިމުންނަށް އަނިޔާ ދެމުން ދަނީ އެޤައުމުގެ ސަމާލަތީ ބާރުތައް މެދުވެރިކޮށްގެންނެވެ. މިގޮތުން އެޤައުމުގައި ދިރިއުޅޭ މުސްލިމް ޖަމިއްޔާ ޖަމާޢަތްތަކުގެ އިސް ބޭފުޅުންނަށް އަނިޔާކޮށް ހައްޔަރުކުރުންފަދަ ކަންކަން ހިންގަމުންދާ ކަމަށް ވެއެވެ.

މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން މުސްލިމުންނާއި ދެކޮޅަށް ފްރާންސްގައި ހިންގަމުންދާ "އޮޕަރޭޝަނެއް" ގެ ތެރެއިން މިއަހަރުގެ މިހާތަނަށް 73 މިސްކިތެއް ވަނީ ބަންދުކޮށް، މުސްލިމުންނަށް ބޭނުން ނުކުރެވޭގޮތް ހަދާފައެވެ. އަދި ބައެއް މިސްކިތްތަކަށް ގެއްލުންދީފައިވާ ކަމަށް ވެސް ވެއެވެ.

ފްރާންސުގައި މި މައްސަލަތައް ފެންމަތިވަމުން ދަނީ، އެޤައުމުގައި ދީނީ ހަރުކަށި ޖަމާޢަތްތައްތަކުގެ ހަރަކާތްތައް އިތުރުކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އެޤައުމުގެ ރައީސް، އެމަނުއެލް މެކްރޯން ވިދާޅުވެފައި ވަނިކޮށެވެ. މެކްރޯން މިގޮތަށް ވިދާޅުވިފަހުން ފްރާންސްގެ ސަލާމަތީ ބާރުތަކުން އަންނަނީ އެޤައުމުގެ މުސްލިމުންގެ ގެތަކާއި ތަންތަން ރެއިޑްކުރަމުންނެވެ.

ފްރާންސްގައި މިހާރު ކުރިޔަށްގެންދާ ރެއިޑްތަކުގެ ތެރެއިން މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި އެޤައުމުގައި ހިންގާ މުސްލިމުންގެ ޖަމިއްޔާއެއް ކަމަށްވާ "ބަރަކާސިޓީ" ގެ ރައީސް، އިދްރީސް ޝިހާމެދީ ވެސް ވަނީ ހައްޔަރުކޮށްފައެވެ. މިކަން ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވާއިރު، ޖަމިއްޔާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ އިދްރީސް ހައްޔަރުކޮށްފައި ވަނީ އޭނާގެ ހަތަރު ދަރިންގެ ކުރިމަތިން އަނިޔާވެރި ގޮތަކަށް ކަމަށެވެ.

އޮފިޝަލުން ވިދާޅުވެފައިވާ ގޮތުން އިދްރީސް ހައްޔަރުކުރީ އޭނާ ގޭގައި ހުންނަވަނިކޮށް އެގެޔަށް ފުލުހުންގެ ފައުޖުތައް ވަދެއެވެ. މިގޮތުން ގިނަ އަދަދެއްގެ ފުލުހުން އެގެޔަށް ވަދެ އާއިލާގެ ކުރިމަތީގައި އިދްރީސަށް ބޮޑެތި އަނިޔާތައްދީ ގެއަށްވެސް ގެއްލުންދީފައިވާ ކަމަށް އެފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

"ބަރަކާސިޓީ" ގެ ފަރާތުން ވަނީ ފުލުހުން އިދްރީސްގެ ގެޔަށް ދީފައި ހުރި ގެއްލުން ފެންނަ ފޮޓޯއާއި ވީޑިއޯވެސް އާންމުކޮށްފައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ފްރާންސްގެ ރަސްމީ އިދާރާއަކުން އަދި އެއްޗެއް ހާމައެއް ނުކުރެއެވެ.

ފްރާންސްގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުން މީގެ ކުރިން ވަނީ އިދްރީސް އަކީ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ނިރުބަވެރި ޢަމަލުތައް ރާވައި އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވާ ބޭފުޅެއްގެ ގޮތުގައި ވެސް ސިފަކޮށްފައެވެ.