ތައިލެންޑްގެ ރަސްކަމުގެ ނިޒާމު އިސްލާހް ކުރުމަށާއި ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔޫތު ޗަން-ޗޯ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ ތައިލެންޑްގައި މުޒާހަރާ ކުރަމުން އަންނަތާ ތިން މަހެއްހާ ދުވަސް ވެފައި ވަނިކޮށް އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.

ތައިލެންޑްގެ ރަސްގެފާން މަހާ ވަޖިރަލޮންކޮންގެ މިހަފްތާގައި ތައިލެންޑަށް ވަޑައިގެންނެވުމާއި އެކު އޭނާގެ މޯޓޯކޭޑާއި މުޒާހަރާގެ ބައިވެރިން ވަނީ ދިމާކޮށްލާފައެވެ. އެއާއިއެކު މުޒާހަރާތައް އިތުރަށް ވަރުގަދަ، އަދި ސަރުކާރުން ވެސް ވަނީ މުޒާހަރާތައް ރުޅާލުމަށް އިތުރަށް ބާރުގެ ބޭނުން ކުރަން ފަށާފައެވެ. މިއަދު އެކަނިވެސް މުޒާހަރާތަކުން ވިއްސަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ތައިލެންޑްގެ ނޫސްތައް ބުނާ ގޮތުގައި އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ވަނީ ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވުން މަނާކޮށްފައެވެ. އަދި ގައުމީ ސަލާމަތައް ގެއްލުން ވާނެ ޚަބަރު ފެތުރުމާއި ގައުމީ ސަލާމާތައް ގެއްލުންވާނެ މެސެޖްތައް އޮންލައިންކޮށް ފެތުރުން ވެސް ވަނީ މަނާކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ހައްޔަރު ކުރާ މީހުންގެ މައްޗަށް ދައުވާއެއް އުފުލުމެއް ނެތި އެމީހުން 30 ދުވަސް ވަންދެން ބަންދުކޮށްފައި ބޭތިއްބުމުގެ ބާރު ތައިލެންޑްގެ ފުލުހުންނަށް އެގައުމުގެ ގާނޫނުތަކުން ލިބެއެވެ.

މުޒާހަރާ ކުރާ ވަރަށް ގިނަ އަދަދެއްގެ މީހުން މިހަފްތާގައި ވެސް ވަނީ ރަސްގެފާނުގެ ގަނޑުވަރު ކައިރިއަށް އެއްވެފައެވެ. މުޒާހަރާގެ ގިނަ ބައިވެރިން އެންމެ ބޮޑަށް ދެކޮޅު ހަދަމުން ގެންދަނީ ރަސްގެފާނުގެ ބޭކާރު ބޮޑެތި ޚަރަދުތަކަށެވެ. އަދި މިނިވަން ޑިމޮކްރަޓިކް އުސޫލުތަކުން ތައިލެންޑްގެ ވެރިކަން ނުހިންގާތީ ވެސް އެގައުމުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔޫތު އަކީ 2014 ވަނަ އަހަރު ސިފައިން ގެނައި ބަޣާވާތެއްގައި އޭރު އޮތް ވެރިކަން ވައްޓާލުމަށްފަހު ބޮޑުވަޒީރުކަމަށް އިސްވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.