މިދިޔަ މަޖިލިސް އިންތިހާބުގެ ވޯޓުން ވައްކަން ކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ ކްރިގިސްތާނުގެ ރައީސް ސޫރަންބޭ ޖީންބެކޮވް އިސްތިއުފާ ދެއްވައިފިއެވެ.

ޖީންބެކޮވް އިސްތިއުފާ ދެއްވާފައިވާ ކަމަށް އެގައުމުގެ ރައީސް އޮފީހުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

"އަހަރެން ރައްޔިތުންގެ ލޭ އޮހޮރަން ބޭނުމެއް ނޫން. އެހެންވެސް އަހެރެން މި ނިންމީ ވެރިކަމުން އިސްތިއުފާ ދެއްވަން". ޖީންބެކޮވް ވިދާޅުވެފައިވެއެވެ.

އެގައުމުގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޖީންބެކޮވް އިސްތިއުފާ ދެއްވާފައިވަނީ އާންމު ރައްޔިތުން އެގައުމުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެ މުޒާހަރާގައި ރައްޔިތުން ވަނީ މި މަހުގެ 6 ވަނަ ދުވަހު މަޖިލިސް ގެއާއި ރިޔާސީ ގަނޑުވަރުވެސް ހިފާފައެވެ. އަދި އެގައުމުގެ ސްޓޭޓް ކޮމިޓީ ފޯ ނޭޝަނަލް ސެކިއުރިޓީގެ އިމަރާތަށްވަދެ ބައިވެރިން ވަނީ ކުރީގެ ރައީސް އަލްމާޒްބެކް އަތަމްބެވް އާއި ކުރީގެ އޮފިޝަލުން ދޫކުރުމަށްވެސް ގޮވާލާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޖީންބެކޮވް އަށް މިދިޔަ މަޖިލިސް އިންތިހާބުގައި ވައްކަން ކުރި ކަމުގެ ތުހުމަތުވެސް ކޮށްފައެވެ.

މި މުޒާހަރާގެ ސަބަބުން މިމަހުގެ ހަތް ވަނަ ދުވަހު އެގައުމުގެ ބޮޑުވަޒީރު ކުބަޓްބެކް ބޮރޮނޮވް އާއި އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ހޯމަ ދުވަހު ފެށިގެންދިޔަ މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން، އެ ގައުމުގެ ސިފައިން ވަނީ ކަރުނަ ގޭސް އަދި ރަބަރު ވަޒަން ބޭނުންކޮށްފައެވެ. މީގެ ސަބަބުން 19 އަހަރުގެ މީހަކު މަރުވެ އިތުރު 590 މީހުންނަށް އަނިޔާވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަންގާރަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއްގައި، ބޮޑު ވަޒީރު ކަމުގެ މަގާމަށް ވަގުތީ ގޮތުން އައްޔަން ކޮށްފައިވާ އިދިކޮޅު ލީޑަރު ސަޑީރް ޒަޕަރޮވްގެ އަރިހުގައި ޖީންބެކޮވް ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ސުލްހަވެރި ކަމާއި އެކީ މީހުންނަށް ދިރިއުޅުމަށް ފުރުސަތު ހޯދައި ދިނުމަށް އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތު

    ދެން ތިކަން ކުރާނީ މިގައުމުގެ ވޯޓުވަގު ކިނބޫ ހެން ހިވޭ ވަރަށް.

    6
    3