މެކްސިކޯގެ ރައީސް އެންޑްރޭސް މެނުއަލް ލޮޕޭޒް އޮބްރާޑޯ ޔުކެޓެން ޕެނިންސުލާގައި ބިނާ ކުރާ ''މާޔާ ޓްރެއިން'' ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުން ދެހާހަށްވުރެ ގިނަ އާސާރީ ބިނާ ފެނިފައިވާކަމަށް ތަޖުރިބާކާރުން ބުނެފައިވެއެވެ.

މި އާސާރީ ބިނާތައް ހޯދީ ''ލޭޒަ އެލިވޭޝަން މެޕިން'' ބޭނުންކޮށްގެންނެވެ. މި ސަރަހައްދުން އާސާރީ ބިނާތައް ފެނުމުން، ''މާޔާ ޓްރެއިން'' ޕްރޮޖެކްޓްގެ މަސައްކަތް ލަސްވާނެ ކަމަށް ވެސް ތަޖުރިބާކާރުން ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެ ސަރަހައްދުގައި ޓްރެއިން ޕުލެޓް ފޯމެއް ހަދައިފިނަމަ އާސާރީ ބިނާތަކަށް ގެއްލުންވާނެ ކަމަށެވެ.

ލޭޒަ އެލިވޭޝަން މެޕުން ދައްކާ ގޮތުގައި އެ ސަރަހައްދުގައި 2187 އާސާރީ ބިނާ ވެއެވެ. މިއީ ޓްރެއިން ޕުލެޓް ފޯމް ހެދުމަށް ކަނޑައެޅިފައިވާ ސަރަހައްދުގެ ހަތަރު ބައިކުޅަ އެއްބައެވެ.

މި ސަރަހައްދުން ފެނުނު ބައެއް އާސާރީ ބިނާތަކަކީ ތަޖުރިބާކާރުންނަށް ވެސް އަލަށް ފެނުނު ބިނާަތަކެކެވެ. މި ބިނާތަކުގެ ތެރޭގައި ގޭގެ އާއި ލިޔެފައިވާ ގަލާއި، އަޅުކަން ކުރާ ތަންތަން ވެސް ހިމެނެއެވެ.

މެކްސިކޯގެ އިންސްޓިޓިއުޓް އޮފް އެންތްރޮޕޮލޮޖީ އެންޑް ހިސްޓްރީން ބުނެފައިވަނީ މީގެ ކުރިން މި ސަރަހައްދުގައި 91 އަށްވުރެ ގިނަ ބޮޑެތި އިމާރާަތްތައް ހުރި ކަމަށެވެ. އޭގެތެރޭގައި ބޮޑެތި ޕިރަމިޑްތަކާއި ވިޔަފާރިކުރާ ތަންތަނާައި އަޅުކަންކުރާ ތަންތަން ވެސް ހިމެނެއެވެ.

އިންސްޓިޓިއުޓުގެ ފަރާތުން ''މާޔާ ޓްރެއިން'' ބިނާކުރާ ފަރާތްތަކަށް ބުނެފައިވަނީ މި ސަރަހައްދުގައި މަސައްކަތްކުރާ އިރު މި އާސާރީ ބިނާތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.

މި އަހަރުގެ ޖުލައި މަހު މަސައްކަތް ފައްޓަވައިދެއްވި ''މާޔާ ޓްރެއިން'' ހެދުމަށް ނިންމާފައިވަނީ ޔުކެޓަން ޕެނިންސުލާ ވަށައި ޖެހޭ ގޮތަށެވެ.