ސިއްޙީ މައްސަލައެއް ދިމާވެފައި ނުވާ ޒުވާން އުމުރުގެ މީހުންނަށް 2022 ވަނަ އަހަރާއި ހަމައަށް ވެކްސިން ނުލިބި ހިނގައިދާނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކޮށް ޑަބްލިއުއެޗްއޯގެ އިސް ސައިންސްވެރިއެއް ކަމަށްވާ ޑރ. ސޯމިއާ ސްވާމިނަތަން ވިދާޅުވީ، ކޮވިޑް-19 ގެ ކާމިޔާބު ވެކްސިނެއް އުފެއްދި ބޭނުންކުރަން ފެށުނުކަމުގައި ވީނަމަވެސް އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭ ގިނަ އަދަދެއްގެ ބަޔަކު ތިބޭނެ ކަމަށެވެ. މިގޮތުން ވެކްސިން އެންމެ ފުރަތަމަ ދޭނީ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކޮވިޑް-19 ގެ ހިރާސް ބޮޑު (ހައި ރިސްކް) މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ސޯމިއާ ވިދާޅުވިގޮތުން ކޮވިޑް-19 އަށް އެކަށީގެންވާ ވެކްސިނެއް ހޯދުނަސް، އެކަށީގެންވާ މިންވަރަށް އެ ވެކްސިން ތައްޔާރު ކުރުމަށް އެތައް ދުވަސްތަކެއް ހޭދަވާނެ ކަމަށެވެ. އެހެންކަމުން ޔަޤީނުންވެސް އެއް ބަޔަކަށް ވެކްސިން ލިބުމުގެ ދަތިތަކާއި ކުރިމަތިވާނެ ކަމަށާއި، ކޮވިޑް-19 ގެ ނުރައްކާ ކުޑަ ސިއްޙަތު ރަނގަޅު ޒުވާނުންނަށް ވަގުތުން ވެކްސިން ނުލިބިދާނެ ކަމަށް ޑރ. ސޯމިއާ ވިދާޅުވިއެވެ.

ޑރ. ސޯމިއާ ސްވާމިނަތަން

"ބައެއް މީހުން ޤަބޫލުކުރާގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގައި އެފަރާތްތަކަށް ވެކްސިން ލިބޭނެ. އެއަށްފަހު މާގިނަ ދުވަސްތަކެއް ނުވެ ދުނިޔެ މިހާރު މިއޮތް ހާލަތު ބަދަލުވެގެންދާނެ ކަމަށް އެފަރާތްތަކުން ޤަބޫލުކުރޭ. އެކަމަކު އެއީ ކަން ހިނގާނެ ގޮތެއް ނޫން. އެންމެންނަށް އެއްފަހަރާ ވެކްސިން ނުދެވޭނެ. އަދި އެންމެނަށް ވެކްސިން ނުލިބެނީސް ދުނިޔޭގެ ހާލަތު ކުރިން އޮތްގޮތަކަށް ބަދަލެއް ވެސް ނުވާނެ،" ޑރ. ސޯމިއާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ ކުރިއަރާފައިވާ އެތައް ޤައުމެއްގައި މިހާރު ކުރެވެމުންދާއިރު، ދާދި އަވަހަށް ވެކްސިނެއް ތައްޔާރު ކުރެވޭނެ ކަމަށް ސިއްޙީ ތަޖުރިބާކާރުން ޤަބޫލުކުރެއެވެ. މިގޮތުން ޔަޤީނުންވެސް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހރުގެ ކުރީކޮޅު ވެކްސިނެއް ބޭނުންކުރެވެން ފަށާނެ ކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ސޯމިއާ ވަނީ ކައިރި މުސްތަޤުބަލެއްގައި ވެކްސިނެއް ލިބިދާނެކަމާއި މެދުވެސް ސުވާލު އުފެދޭފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ޑރ. ސޯމިއާ ވިދާޅުވެފައި ވަނީ އުންމީދަކީ 2021 ވަނަ އަހަރުގެ ނިޔަލަށް ކާމިޔާބު ވެކްސިނެއް ލިބުން ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައިވާ ގޮތުން ކޮވިޑް-19 އަށް ސަތޭކައަށްވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވެމުން އަންނައިރު، އޭގެތެރެއިން ދިހަ ވެކްސިނެއްގެ ކްލިނިކަލް ޓްރަޔަލްގެ ފަހު މަރުޙަލާގެ މަސައްކަތްތައް ކުރިޔަށް އެބަދެއެވެ. އެޖަމިއްޔާ އިން އަންނަނީ ވެކްސިނެއް އުފެއްދި ބޭނުންކުރެވެން ފެށުމުގެ ކުރީން، ވެކްސިން ދިނުމުގައި އިސްކަންދޭނެ ކަންކަމާއި އެނޫންވެސް ވެކްސިން ދިނުމާއި ގުޅުންހުރި އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ދުނިޔެއަށް ކޮވިޑް-19 ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައި ވާއިރު، މިހާތަނަށް ކޮވިޑް-19 ފެނުނު 214 ޤައުމު ނުވަތަ ސަރަޙައްދަކުން ޖުމްލަ 39 މިލިއަން މީހަކު މި ބައްޔަށް ފައްސިވެ އޭގެތެރެއިން 1.1 މިލިއަން މީހަކު ވަނީ މަރުވެފައެވެ.