ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ރަޝިޔާއިން އުފެއްދި ވެކްސިން ޔޫކްރެއިން އިން ނުގަންނާނެކަން ހާމަކޮށްފިއެވެ.

ނޫންސް ކޮންފަރެންސެއްގައި މިކަން ހާމަކުރައްވަމުން ޔޫކްރޭންގެ ހެލްތު މިނިސްޓަރު، މަކްސީމް ސްޓެފަނޯވް ވިދާޅުވީ ރަޝިޔާގެ ވެކްސިން ނުގަންނަން ނިންމީ އެ ވެކްސިނަކީ މަރުޙަލާތައް ފުރިހަމަވެފައިވާ ވެކްސިނެއްކަން ސާބިތުވެފައިނުވާތީ ކަމަށެވެ. އަދި ޚާއްސަކޮށް ވެކްސިން އުފެއްދުމުގެ ކްލިނިކަލް ޓްރަޔަލްތަކުގެ ތެރެއިން ތިންވަނަ ޓްރަޔަލްގެ މަސައްކަތް ކޮށްފައިވާކަން އެނގެން ނެތްކަމަށް ވެސް ސްޓެފަނޯވް ވިދާޅުވިއެވެ.

ސްޓެފަނޯވް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ގެ ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތްތަކުގައި ފަހުގެ މަރުޙަލާތައް ފުރިހަމަކުރެވެމުން އަންނަ ކަމަށެވެ. އެހެންކަމުން މަރުޙަލާތައް ކަށަވަރުނުވާ ވެކްސިނެއް ގަތުމުގެ ބަދަލުގައި ބޭނުންފުޅުވަނީ ޔަޤީންކުރެވިފައިވާ ކާމިޔާބު ވެކްސިނެއް ހޯދުން ކަމަށް ސްޓެފަނޯވް ވިދާޅުވިއެވެ.

ސްޓެފަނޯވް ވަނީ ޔޫކްރެއިންގައި ވެސް ކޮވިޑް-19 ގެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރިޔަށްދާކަން ހާމަކުރައްވައި، އެ ވެކްސިން ކާމިޔާބުވުމަށް އޮތް އުންމީދު ބޮޑުކަން ފާހަގަކުރައްވާފައެވެ. އަދި ޔޫކްރެއިން އަކީ އަމިއްލަ ވެކްސިނެއް އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ހުރި ޤާބިލް ޤައުމެއް ކަމަށްވެސް ސްޓެފަނޯވް ވިދާޅުވިއެވެ.

ޔޫކްރޭނުން ރަޝިޔާގެ ވެކްސިން ނުގަންނަން ނިންމާފައިވާއިރު ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުންވެސް މި ވެކްސިން ބޭނުން ނުކުރަން ކުރިން ނިންމާފައި ވެއެވެ. ޚާއްސަކޮށް އެމެރިކާއިން ވަނީ ރަޝިޔާގެ ވެކްސިނަކީ ޔަޤީންކަމެއް ނެތް ވެކްސިނެއް ކަމަށްބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ރަޝިޔާގެ ވެކްސިން ޤަބޫލުނުކުރަން ބައެއް ޤައުމުތަކުން ނިންމި ނަމަވެސް އެ ވެކްސިން ޔޫއޭއީގައި ތަހުލީލު ކުރުމުގެ މަސައްކަތް ކުރަން ވަނީ ނިންމާފައެވެ. ހަމަ އެހެންމެ ކައިރި މުސްތަޤުބަލެއްގައި ވެނެޒުއޭލާގައި ވެސް މި ވެކްސިން ތަހުލީލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މަސްދަރުތަކާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

ރަޝިޔާއިން މިދިޔަ މަހު ވަނީ އިންޑިއާއަށް މި ވެކްސިންގެ 100 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށް ވެސް ނިންމާފައެވެ. މި ވެކްސިންގެ މަރުޙަލާތައް މުރާޖާކުރުމަށް މީގެ ކުރިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވެސް ޝަޢުޤުވެރިކަން ފާޅުކޮށްފައި ވެއެވެ.

ކޮވިޑް-19 ގެ ފުރަތަމަ ވެކްސިނެއް ރެޖިސްޓާކުރި ރަޝިޔާގައި މީގެ ދެ ދުވަސްކުރިން މި ބައްޔަށް އިތުރު ވެކްސިނެއްވެސް ވަނީ އުފައްދާފައެވެ. ރަޝިޔާގެ އިތުރުން ޗައިނާގައި ވެސް ކޮވިޑް-19 ގެ ވެކްސިނެއް ތައްޔާރުކޮށް ބައެއް ހާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.