ރަޝިޔާއިން އުފައްދާފައިވާ ކޮވިޑް-19 އަށް ޚާއްސަ ވެކްސިނަކީ ދެ އަހަރެއްހައި ދުވަސް ވަންދެން ކޮވިޑް-19 ގެ ބަލިން ރައްކާތެރިކޮށްދޭނެ ވެކްސިނެއް ކަމަށް އެޤައުމުގެ ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ސަރުކާރުން ފަންޑުކޮށްގެން އެޤައުމުގެ ވެކްސިން އުފެއްދުމުގައި ކުރިއަރާފައިވާ ކުންފުންޏަކުން އުފެއްދި "ސްޕުޓްނިކް 5" ނަމަކަށްކިޔާ މި ވެކްސިން އަކީ މީގެ ކުރިން އެޤައުމުގައި އުފައްދާފައިވާ އެބޮލާ ވެކްސިން ވެސް އުފެއްދުމުގައި ބައިވެރިވި ތަޖުރިބާކާރުން އުފައްދާފައިވާ ވެކްސިނެކެވެ.

އިދާރާތަކުން ބުނާގޮތުން މިހާރު ކުރިޔަށް ދަނީ މި ވެކްސިންގެ ފޭސް ތިނެއްގެ ކްލިނިކަލް ޓްރަޔަލްގެ ތަހުލީލުތަކެވެ. މި ތަހުލީލުތައް ކުރިޔަށް ދާއިރު، މިހާތަނަށް ވެކްސިން ދިން އެއްވެސް މީހެއްގެ ފަރާތުން ނުރަނގަޅު އަސަރެއް ފެނުނު ވޭދަނައެއް ފެންމަތިނުވާކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ރަޝިޔާގެ ހެލްތު މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުން މިހާރު ކުރިޔަށްދާ ތަހުލީލުތަކުގައި ބައިވެރިވުމަށް އެކި ޤައުމުތަކުން 44,000 އަށްވުރެ ގިނަ ވޮލެންޓިއަރުން ވަނީ ރެޖިސްޓްރީ ކޮށްފައެވެ.

ރަޝިޔާއިން އަމާޒުހިފާފައި ވަނީ އަންނަ އަހަރުގެ ނިޔަލަށް "ސްޕުޓްނިކް 5" ގެ އެއް ބިލިއަން ޑޯޒް އުފެއްދުމަށެވެ. އަދި ވެކްސިން އުފެއްދުމުގެ މަސައްކަތް ރަޝިޔާގެ އިތުރުން އެހެން ބައެއް ޤައުމުތަކުގައި ވެސް ކުރިޔަށް ގެންދިއުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

މިގޮތުން ދާދިފަހުން ރަޝިޔާއިން ވަނީ އިންޑޮނޯޝިއާގައި ސްޕުޓްނިކް 5" ގެ ތަހުލީލިތައް ކުރިޔަށް ގެންގޮސް، މި ވެކްސިން އުފެއްދުމުގެ މަސައްކަތްތައް ފެށުމަށް ހުށަހަޅާފައެވެ. ނަމަވެސް އެކަމާއި ގުޅިގެން އަދި އިންޑޮނީޝިއާ ސަރުކާރުން އަދި ގޮތެއް ނުނިންމައެވެ.

ރަޝިޔާ ވެކްސިންގެ ތަހުލީލުތަކުން ކާމިޔާބު ނަތީޖާތަކެއް ދައްކަމުން ދާއިރު، މި ވެކްސިން ގަތުމަށް ދުނިޔޭގެ ބައެއް ބޮޑެތި ޤައުމުތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރަޝިޔާގެ އިދާރާތަކުން ބުނެއެވެ. މީގެ އިތުރުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ މި ވެކްސިންގެ ތަހުލީލު މަރުޙަލާތައް ދިރާސާ ކުރުމަށް ބޭނުންވާކަން ހާމަކޮށްފައެވެ.

ރަޝިޔާއަކީ އެންމެ ފުރަތަމަ ކޮވިޑް-19 ވެކްސިނެއް އުފައްދައި ރެޖިސްޓާ ކުރި ޤައުމެވެ. އެޤައުމުން މި ވެކްސިން އުފައްދާފައި ވަނީ، އެންމެ އަވަހަށް އުފެއްދޭނީ އެމެރިކާ ނުވަތަ އިނގިރޭސިވިލާތުގެ ވެކްސިންކަމަށް ބުނަމުންދިޔަ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން ނުރުހުންވެ އެމެރިކާއިން ވަނީ ރަޝިޔާގެ ވެކްސިންގެ ރައްކާތެރިކަމާއި މެދު ސުވާލު އުފައްދާފައެވެ.

އަދި އެމެރިކާގެ ބައެއް ސައިންސްވެރިން ވަނީ "ސްޕުޓްނިކް 5" އަކީ މަރުޙަލާތައް ފުރިހަމަނުވާ ވެކްސިނެއް ކަމަށް ބުނެ ފާޑުކިޔާފައެވެ. ބައެއް ޤައުމުތަކުން މިފަދަ ފާޑުކިޔުންތައް ރަޝިޔާއަށް އަމާޒުކުރަމުން ދަނިކޮށް ދާދިފަހުން އެޤައުމުން ވަނީ ކޮވިޑް-19 ގެ ދެވަނަ ވެކްސިނެއްވެސް ރެޖިސްޓާ ކޮށްފައެވެ.