ފްރާންސްގެ ވެރިކަންކުރާ ޕެރިސްގައި ރޭ ޓީޗަރެއްގެ ކަރުބުރިކޮށްލި ހާދިސާ އަކީ ނިރުބަވެރި (ޓެރެރިސްޓް) ޖަމާޢަތަކުން ހިންގި ނިރުބަވެރި އަމަލެއް ކަމަށް ފްރާންސްގެ އިދާރާތަކުން ބުނެފިއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، މިއީ ބޭރުގައި ހިންގާ ނިރުބަވެރި ޖަމާޢަތަކާއި ގުޅުންހުރި ފްރާންސްގެ ބަޔަކު އަޑީގައި ތިބެ ހިންގާފައިވާ ޢަމަލެއް ކަމަށެވެ. ނަމަވެސް މި ހާދިސާ އާއި ގުޅިގެން ތުހުމަތު ކުރެވޭ ބައެއްގެ މަޢުލޫމާތެއް އެފަރާތްތަކުން ހާމައެއް ނުކުރެއެވެ.

ރޭ ޕެރިސްގެ "ކޮންފްލޭންސް-ސެއިންޓް-އޮނޮރިން" ނަމަކަށްކިޔާ ސަރަޙައްދެއްގެ މަގުމަތީގައި ކަރުބުރިކޮށް މަރާލާފައި ވަނީ، އެ ސިޓީގެ ސްކޫލެއްގައި ތާރީޚު އަދި ޖިއޮގްރަފީ ކިޔަވައިދޭ ޓީޗަރެކެވެ. އޭނާ މަރާލާފައި ވަނީ ދީނަށާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނުތަކެއް ދަރިވަރުންނަށް ދެއްކި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލަ އާއި ގުޅިގެން މީގެ ކުރިން އެ ސްކޫލުގައި ކިޔަވާ ބައެއް ދަރިވަރުންގެ ބެލެނިވެރިން މައްސަލަ ހުށަހަޅާފައި ވެއެވެ. މިގޮތުން މީގެ ކުރިން ފްރާންސްގައި ބަޔަކު ދީނަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނުތަކެއް ދަރިވަރުންނަށް ދައްކައި އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ވާތީ ބެލެނިވެރިން ނުރުހުން ފާޅުކޮށްފައިވާ ކަމަށް ވެސް ނޫސްތައް ބުނެއެވެ. ނަމަވެސް އެކަމާއި ގުޅިގެން އޭނާއާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ރޭގެ ހާދިސާ ހިނގި ސަރަޙައްދަށް ވަޑައިގެން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވިދާޅުވެފައި ވަނީ މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކިޔަވައިދިން އެ ޓީޗަރަށް ދިން "އިސްލާމިކް ޓެރެރިސްޓް" ހަމަލާއެއް ކަމަށެވެ. އަދި މި ހަމަލާއަކީ ނިރުބަވެރިން ހިންގި "ފިނޑި އަމަލެއް" ކަމަށް ވިދާޅުވެ މެކްރޯން ވަނީ ފްރާންސްގެ ޓީޗަރުންގެ ސަލާމަތީ ކަންކަން ކަށަވަރު ކުރާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ފްރާންސްގެ ރައީސް މެކްރޯން، ޓީޗަރު މަރާލި ސަރަޙައްދުގައި

ރޭގެ ހާދިސާގައި ޓީޗަރުގެ ކަރުބުރިކޮށްލާފައި ވަނީ އޭނާ ވަޒީފާ އަދާކުރާ ސްކޫލާއި ދުރު ނޫން ހިސާބަކުންނެވެ. ނޫސްތަކުން ބުނާގޮތުން އޭނާގެ ކަރުބުރިކޮށްލި މީހާ ވަނީ ހަމަލާ ދިނުމުގެ ކުރީން "ﷲ އަކްބަރު" އޭ ގޮވާފައެވެ.

މި ހާދިސާ ހިނގިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހާދިސާ ހިނގި ސަރަޙައްދުން ފުލުހުން ވަނީ ހަމަލާ ދިން މީހާ މަރާލާފައެވެ. ފުލުހުން ބަޑިން ހަމަލާދީ އޭނަ މަރާލާފައި ވަނީ ޓީޗަރުގެ ކަރުބުރިކޮށްލުމަށްފަހު ފިލަން ދަނިކޮށެވެ. ފުލުހުން ބުނެފައިވަނީ އޭނާގެ ހަށިގަނޑުގައި ގޮވާތަކެތިވެސް ހަރުކޮށްފައި ހުރި ކަމަށެވެ. މީގެ އިތުރުން ހަމަލާ ދިނުމަށް ބޭނުންކުރި ވަޅިއާއި، ބަޑިއެއްވެސް އޭނާގެ އަތުން ފެނިފައި ވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ ފްރާންސްގައި މީގެ ކުރިން ނެރުނު މަޖައްލާއެއްގައި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ކާޓޫން ކުރެހި މައްސަލައެއްގެ އަޑުއެހުންތައް ޕެރިސްގެ ކޯޓެއްގައި ކުރިޔަށްދާ ދަނޑިވަޅެއްގައެވެ. އެ ފޮޓޯތައް އާންމުކުރި މަޖައްލާގެ އޮފީސް ކައިރިން މީގެ ތިން ވަރަކަށް ހަފްތާކުރިން ދެ މީހަކަށް ހަމަލާދިން މައްސަލައެއް ވެސް ފެންމަތިވެފައި ވެއެވެ.

ނޫސްތަކުން ބުނާގޮތުން ކަރުބުރިކޮށްލި ޓީޗަރު ދިޔައީ އޭނަ ކިޔަވައިދޭ ސްކޫލުގައި، ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ކާޓޫނު ކުރެހުމާއި ގުޅޭ ބަހުސެއް އިންތިޒާމް ކުރުމަށްވެސް ތައްޔާރުވަމުންނެވެ. މިކަމާއި ގުޅިގެން ކުރިންވެސް އޭނާއަށް އިންޒާރުތައް ލިބެމުން ދިޔަ ކަމަށް ވެއެވެ. ނަމަވެސް ޓީޗަރަށް ހަމަލާދިން މީހާ އާއި ގުޅުންހުރި އެއްވެސް ދަރިވަރަކު ސްކޫލުގައި ނޫޅޭ ކަމަށް ނޫސްތައް ބުނެއެވެ.

ރޭގެ ހާދިސާއަކީ މުސްލިމް ޖަމާޢަތަކުން ދިން ނިރުބަވެރި ހަމަލާއެއް ކަމަށް ފްރާންސްގެ އިސް ބައެއް ބޭފުޅުން ތުހުމަތު ކުރަމުން ދާއިރު، އެޤައުމުގައި ފާއިތުވެދިޔަ ދުވަސްތަކުގައި މުސްލިމުންގެ ގެތަކާއި އިމާރާތްތައް ބަލައި ފާސްކުރުމުގެ ބޮޑު ރެއިޑެއްވެސް ކުރިޔަށް އެބަދެއެވެ.

މި ރެއިޑުގެ ދަށުން ފްރާންސްގެ ބައެއް މުސްލިމް ޖަމިއްޔާ ޖަމާޢަތްތަކުގެ އިސް ބޭފުޅުން ހައްޔަރުކޮށް، ގިނަ އަދަދެއްގެ މިސްކިތްތައްވެސް ބަންދުކޮށްފައި ވެއެވެ. ރޭގެ ހާދިސާ އާއި ގުޅިގެން ފްރާންސްގައި މިހާރު ކުރިޔަށްގެންދާ މި ރެއިޑުތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަސަނުގެ ދަރި

    ޢެ މީހުންގެ މަސީހާއަށް ކާޓޫނު ކުރަހާ ފުރައްސާރަ ކުރީ މަވެސް ބުނާނެބާ ޚިޔާލުފާޅު ކުރު މުގެ މިނިވަން ކަ މޭ

    23
    2
    • މިހާރު

      މިހާރުވެސް ނަސާރާދީނަށް ޖޯކުޖަހާ ފިލްމުތަކާ އެއްޗެހި ކުޅެފަ ބައިވަރު އެބަހުރި، އެކަމަކު އެމީހުން ނުދުވޭދޯ ކަނޑި ހިފައިގެން މީހުންގެ ބޯކަނޑަމުންނެއް

      1
      3
      • ބއްޅަ

        ފިލްމުތައް ކުޅެމުން ދުވަނީ މުސްލިމުންތަ ހޭބައްޔާ އެއހެން ނޫނަސް ﷲއަށާއު ރަސޫލާ އައް ފުއްރަސާރަކުރާ ކޮންމެ މީހަކައް ތިކަމުން ޢިބުރަތެއް

    • މުހައްމަދު

      ޢެއްވެސް މުސްލިމަކަށް، ރަސޫލު ބޭކަލުންނަށް އަދި ނަބީބޭކަލުންނަަށް މަލާމާތްކުރުމެއް ނުވޭ. ޢެއީ ދީނުން ބޭ ރުވުން.

  2. ޢަބްދުއްﷲ

    ކޮބާތަ މިގައުމުގަ ﷲ އަށް ފުރައްސާރަ ކުރަންއުޅުން އިންޑިޔާ މީހާ

  3. ޖުމުހޫރީ މައިދާނުން

    މި ރެއިޑުގެ ދަށުން ފްރާންސްގެ ބައެއް މުސްލިމް ޖަމިއްޔާ ޖަމާޢަތްތަކުގެ އިސް ބޭފުޅުން ހައްޔަރުކޮށް، ގިނަ އަދަދެއްގެ މިސްކިތްތައްވެސް ބަންދުކޮށްފައި ވެއެވެ

  4. އަހުމަދު

    ތި ހަމަ ރާވާއިގެން މުސްލިމުން ނަށް ގޯނާކުރާނެ ބަހަނާއެއް ހަދާލީ. އެއިރުން ތާ ދޯ..

    4
    1