ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ފްރާންސްގެ ވެރިކަންކުރާ ޕެރިސްގެ މަގުމަތީގައި އެޤައުމުގެ ޓީޗަރެއްގެ ކަރު ބުރިކޮށްލި ހާދިސާ، މުސިލް ވޯލްޑް ލީގް (އެމްޑަބްލިއުއެލް) އިން ކުށްވެރިކޮށްފި އެވެ.

މިކަން ހާމަކޮށް އެމްޑަބްލިއުއެލްގެ ވެރިޔާ، ޝެއިޚް މުޙައްމަދު ބިން އަބްދުލް ކަރީމް އަލް-އިއްސާ ވިދާޅުވީ، ނިރުބަވެރިކަމާއި އަނިޔާވެރިވުމުގެ ޢަމަލުތަކަކީ އެއްވެސް ދީނަކުން ބާރުއަޅާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ޕެރިސް ޓީޗަރު މަރާލި ހާދިސާއަކީ ވެސް އެއްވެސް ދީނަކުން ބަލައިގަންނާނެ ޢަމަލެއް ނޫން ކަމަށް ޝެއިޚް އަލް-އިއްސާ ވިދާޅުވިއެވެ.

ޝެއިޚް އަލް-އިއްސާ ވަނީ މިފަދަ ޢަމަލުތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށާއި، އަނިޔާވެރިކަމާއި ނިރުބަވެރި ޢަމަލުތައް ހުއްޓުވުމަށް އިދާރާތަކަށް ގޮވާލާފައެވެ. އަދި ހައްދުފަހަނައަޅާފައިވާ ވިސްނުންތައް ބަދަލުކޮށް ދީނުގައި އަންގަވާފައިވާ ގޮތުގެ މަތީން ޢަމަލު ކުރުމަށް ޝެއިޚް އަލް-އިއްސާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޝެއިޚް އަލް-އިއްސާ ވަނީ މި ހާދިސާ އާއި ގުޅިގެން ފްރާންސްގެ ލީޑަރުންވެސް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ގޮތް ނިންމަވައި، މިފަދަ ކަންކަން ތަކުރާރު ނުވާނެފަދަ ގޮތަކަށް ވިސްނުންތެރިކަމާއެކު ފިޔަވަޅު އެޅުއްވުމަށް ވެސް ގޮވާލައްވާފައެވެ.

ޝެއިޚް އަލް-އިއްސާ ވަނީ ހުކުރު ދުވަހުގެ ހާދިސާގައި މަރުވި ޓީޗަރުގެ އާއިލާ އާއި އޭނާ ކިޔަވައިދެމުން ދިޔަ ދަރިވަރުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ޕެރިސްގެ "ކޮންފްލޭންސް-ސެއިންޓް-އޮނޮރިން" ނަމަކަށްކިޔާ ސަރަޙައްދެއްގެ މަގުމަތީގައި ކަރުބުރިކޮށް މަރާލާފައި ވަނީ، އެ ސިޓީގެ ސްކޫލެއްގައި ތާރީޚު އަދި ޖިއޮގްރަފީ ކިޔަވައިދޭ ޓީޗަރެކެވެ. އޭނާ މަރާލާފައި ވަނީ އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނުތަކެއް ދަރިވަރުންނަށް ދެއްކި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މި ހާދިސާގައި ޓީޗަރުގެ ކަރުބުރިކޮށްލާފައި ވަނީ އޭނާ ވަޒީފާ އަދާކުރާ ސްކޫލާއި ދުރު ނޫން ހިސާބަކުންނެވެ. ނޫސްތަކުން ބުނާގޮތުން އޭނާގެ ކަރުބުރިކޮށްލި މީހާ ވަނީ ހަމަލާ ދިނުމުގެ ކުރީން "ﷲ އަކްބަރު" އޭ ގޮވާފައެވެ.

މި ހާދިސާ ހިނގިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހާދިސާ ހިނގި ސަރަޙައްދުން ފުލުހުން ވަނީ ހަމަލާ ދިން މީހާ މަރާލާފައެވެ. ފުލުހުން ބަޑިން ހަމަލާދީ އޭނާ މަރާލާފައި ވަނީ ޓީޗަރުގެ ކަރުބުރިކޮށްލުމަށްފަހު ފިލަން ދަނިކޮށެވެ. ފުލުހުން ބުނެފައިވަނީ އޭނާގެ ހަށިގަނޑުގައި ގޮވާތަކެތިވެސް ހަރުކޮށްފައި ހުރި ކަމަށެވެ. މީގެ އިތުރުން ހަމަލާ ދިނުމަށް ބޭނުންކުރި ވަޅިއެއްގެ އިތުރުން ބަޑިއެއްވެސް އޭނާގެ އަތުން ފެނިފައި ވެއެވެ.

ނިރުބަވެރި ހަމަލާއެއްގެ ގޮތުގައި ފްރާންސްގެ އިދާރާތަކުން މި ހާދިސާގެ ތަހުޤީޤު ކުރަމުންދާއިރު، ހާދިސާ ހިނގި ސަރަޙައްދަށް ވަޑައިގެން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޯން ވިދާޅުވެފައި ވަނީ، މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކިޔަވައިދިން އެ ޓީޗަރަށް ދިން "އިސްލާމިކް ޓެރެރިސްޓް" ހަމަލާއެއް ކަމަށެވެ.

މި ހާދިސާއަކީ މުސްލިމް ޖަމާޢަތަކުން ދިން ނިރުބަވެރި ހަމަލާއެއް ކަމަށް ފްރާންސްގެ އިސް ބައެއް ބޭފުޅުން ތުހުމަތު ކުރަމުން ދާއިރު، އެޤައުމުގައި ފާއިތުވެދިޔަ ދުވަސްތަކުގައި މުސްލިމުންގެ ގެތަކާއި އިމާރާތްތައް ބަލައި ފާސްކުރުމުގެ ބޮޑު ރެއިޑެއްވެސް ކުރިޔަށް އެބަދެއެވެ.