ލުބުނާނުގެ އެންމެ ބޮޑު ޕާޓީ، ފްރީ ޕެޓްރިއޮޓިކް މޫވްމެންޓް (އެފްޕީއެމް) އިން އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ސާދް ހަރީރީއަށް ތާއީދު ނުކުރާނެކަން ހާމަކޮށްފިއެވެ.

މިދިޔަ އަހަރު ލުބުނާނުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ހަރީރީއަށް އެފްޕީއެމް އިން ތާޢީދު ނުކުރަން ނިންމާފައި މިވަނީ، އެމަނިކުފާނު އަލުން ބޮޑުވަޒީރުކަމަށް ކުރިމަތިލައްވާނެކަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ އަލުން މަޤާމު ލިބިވަޑައިގެންފިނަމަ ސަރުކާރު ރީފޯމްކޮށް ޤައުމުގެ އިޤްތިސާދު އަނބުރާ ކޮޅަށް ޖަހާނެ ކަމަށް ހަރީރީ ވަނީ ވަޢުދުވެވަޑައިގެންފައެވެ.

ހަރީރީ ކުރިން ލުބުނާނުގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވީ، އިޤުތިޞާދު ދަށްވެ، ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ، ގައުމުގެ ހާލަތު ނާޒުކު ފައްތަރަކަށް ގޮސްފައި ވާތީ ގިނަ ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފެށުމުންނެވެ. އެމަނިކުފާނު އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

ހަރީރީއަށް އިތުބާރު ނެތްކަން ހާމަކޮށް އެފްޕީއެމް އިން ބުނެފައިވަނީ "ހަރީރީ ފަދަ ނާޤާބިލް ބޭފުޅެއްގެ ފަހަތުގައި ތިބެން ބޭނުން ނުވާ" ކަމަށާއި، އެމަނިކުފާނު އަލުން މަޤާމާއި ޙަވާލުވެއްޖެ ނަމަ އަނެއްކާވެސް ޤައުމު ވެއްޓޭނީ އިޤްތިސާދީ އަނދަވަޅަކަށް ކަމަށެވެ.

އޮފިޝަލުން ބުނާގޮތުން ލުބުނާންގައި 1975 ވަނަ އަހަރުން 1990 ވަނަ އަހަރާއި ދެމެދު ކުރިއަށް ދިޔަ ދާހިލީ ހަނގުރާމައަށް ފަހު އެގައުމުގެ އިޤުތިޞާދު އެންމެ ބޮޑަށް ދަށްވެފައި ވަނީ ހަރީރީގެ ވެރިކަމުގައެވެ.

ހަރީރީއަށް ލުބުނާނުގެ ބޮޑުވަޒީރުކަން ލިބިވަޑައި ނުގެންނެވި ނަމަވެސް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެވިދާނެ ކަމަށް ލުބުނާނުގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އެއީ ލުބުނާނުގެ ބޮޑެތި އެހެން ބައެއް ސިޔާސީ ޕާޓީތަކުގެ ތާޢީދު އެމަނިކުފާނަށް އޮތުމުންނެވެ.

ހަރީރީގެ ކުރިން ލުބުނާނުގެ ބޮޑުވަޒީރުކަމުގައި ހުންނެވީ ހަސަން ދިއާބް އެވެ. އެމަނިކުފާނު މަޤާމުން އިސްތިއުފާ ދެއްވީ ބެއިރޫތުގައި ދާދިފަހުން ހިނގި ބޮޑު ގޮވުމުގެ ހާދިސާއަށްފަހު ސަރުކާރަށް ކުރިމަތިކުރެވުނު ތުހުމަތުތަކާއެކު ރައްޔިތުން ނިކުމެ ކުރި މުޒާހަރާތަކާއި ގުޅިގެންނެވެ. ހަސަން ދިއާބާއައެކު ލުބުނާނުގެ ކެބިނެޓް ހުރިހާ ބޭފުޅުންވެސް ވަނީ އިސްތިއުފާދެއްވާފައެވެ.

އޭގެ ފަހުން ލުބުނާނުގެ ވަގުތީ ބޮޑުވަޒީރު ކަމަށް އިސް ކުރެވުނީ މުސްތޮފާ އަދީބު އެވެ. މުސްތޮފާ އަދީބުވެސް މަޤާމާއި ޙަވާލުވެވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އާ ސަރުކާރެއް އެކުލަވާލުމުގައި އުފެދުނު ދެބަސްވުންތަކަކާއި ގުޅިގެން ވަނީ އިސްތިއުފާ ދެއްވާފައެވެ.