ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިނގިރޭސިވިލާތުން ފައްސިވި މީހުންގެ އަދަދު 7 ލައްކައަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް އެޤައުމުން އިތުރު 16,171 މީހަކު ފައްސިވެފައި ވެއެވެ.

އިއްޔެ އިތުރު އެތައް ހާސް ބަޔަކު ފައްސިވުމާއެކު އިނގިރޭސިވިލާތުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 705,428 އަށް އަރާފައެވެ. އެޤައުމަކީ މިވަގުތު ދުނިޔެއިން 11 ވަނަ އަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމެވެ.

ދުނިޔެއިން މިވަގުތު ހާލަތު އެންމެ ގޯސްވަމުން އަންނަ ޔޫރަޕުގެ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް މިހާރު ހިމެނޭއިރު، އެޤައުމުގައި މި ބަލި ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް ހިފެހެއްޓިފައި އޮތުމަށްފަހު އަނެއްކާވެސް ނުރައްކާ ބޮޑުވާން ފެށީ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީ އާންމު ހާލަތެއްގައި ބައެއް ސަރަޙައްދުތައް އަލުން ހުޅުވާލާފައި ވަނިކޮށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އިނގިރޭސިވިލާތުގެ ހާލަތު ގޯސްވަމުން އަންނައިރު، އެޤައުމުން މަރުވާ މީހުންގެ އަދަދު ވެސް އަނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެވެސް އިތުރު 150 މީހަކު ހިމެނޭހެން އެޤައުމުން މި ބަލީގައި މިހާތަނަށް ޖުމްލަ 43,579 މީހަކު ވަނީ މަރުވެފައެވެ. އެޤައުމަކީ ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ޤައުމެވެ.

ކޮވިޑް-19 ގެ ބަލިމަޑުކުގެ ކުރީކޮޅުވެސް ދުނިޔެއިން އެންމެ ނުރައްކާ ބޮޑުވެގެންދިޔަ ޤައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް ހިމެނުނެވެ. އޭގެފަހުން މިއަހަރުގެ ޖޫން މަހުން ފެށިގެން އޮގަސްޓު ފަހުކޮޅާއި ހަމައަށް އެޤައުމުގައި ބަލި ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެފައި އޮތުމަށްފަހު ބަލީގެ ނުރައްކާ އިތުރުވާން ފެށީ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. މިއާއެކު އެޤައުމަށް ކުރިޔަށް ވުރެ ނުރައްކާ ބޮޑުވެ، ރެކޯޑް އަދަދަކަށް މީހުން އަންނަނީ ފައްސިވަމުންނެވެ.

67 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

މުޅި ދުނިޔެއަށް ނުރައްކާ ކުރިމަތިކުރަމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު، އިނގިރޭސިވިލާތް ހިމެނޭހެން ގިނަ ޤައުމުތަކަށް ގޯސްވަމުން އަންނައިރު، މި ހާލަތަށް ބަދަލެއް އަންނާނީ ވެކްސިނެއް ބޭނުންކުރެވެން ފެށުމުން ކަމަށް ސިއްޙީ ތަޖުރިބާކާރުން ވިދާޅުވެއެއެވެ. ކޮވިޑް-19 ގެ ވެކްސިނެއް މިއަހަރުގެ ފަހުކޮޅު ލިބޭނެ ކަމަށް އެފަރާތްތަކުން ލަފާކުރެއެވެ.