ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 1,032 މީހަކު މަރުވެއްޖެ އެވެ. މިއީ މިހިނގާ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުން ފެށިގެން މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

އިންޑިއާއިން އިއްޔެވެސް ކޮވިޑް-19 ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 114,064 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 62,092 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއީ ކުރިޔާއި އަޅާބަލާއިރު އެއްދުވަހެއްގައި ދަށް އަދަދެއް ނަމަވެސް، އިއްޔެ ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމަކީ އިންޑިއާއެވެ.

މިދިޔަ މަހެއްހައި ދުވަހަށް ބަލާއިރުވެސް އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ޤައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. އިތުރު އެތައް ހާސް ބަޔަކު ފައްސިވެ އިންޑިއާގެ ހާލަތު ގޯސްވެފައި ވާއިރު، އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7.4 މިލިއަނަށް އަރާފައެވެ.

އިންޑިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ފެތުރެމުން އަންނައިރު، އެޤައުމަކީ ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ކޮވިޑް-19 ފެތުރޭ މިންވަރަށް ބަލާއިރު މިވަގުތު ދުނިޔޭގައި އެންމެ ހާލު ގޯސްވެފާ ޤައުމަކީ އިންޑިއާއެވެ. އެޤައުމުގައި މި ބަލިމަޑުކަމުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، އެޤައުމަށް ކޮވިޑް-19 ގެ "ޕީކް" އަންނާނީ ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ސިއްޙީ ތަޖުރިބާކާރުން ކުރިން ވިދާޅުވެފައި ވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 6.5 މިލިއަން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ 784,264 މީހަކަށެވެ. އޭގެތެރެއިން 8000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު