ޗައިނާގެ ގިންޑާއޯ އަށް އެތެރެކުރި ބަންދުކޮށްފައި ހުރި މަސްޕެކެޓުތަކުގެ ބޭރުން "ދިރިހުރި" ކޮރޯނާ ވައިރަސް ޖަރާސީމު ފެނިއްޖެ އެވެ. ޗައިނާގެ ހެލްތު އޮތޯރިޓީއާއި ހަވާލަދީ އެޤައުމުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި ކޮރޯނާވައިރަހުގެ ޖަރާސީމު ފެނިފައި ވަނީ ގިންޑާއޯ ގެ ޕޯޓުގައި ހުރި ގަނޑުމަސް ވިއްކާ ފިހާރައަކުން ކަމަށެވެ.

ޗައިނީސް ސެންޓަރ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނީ ގަނޑުކޮށްފައި ހުރި މަހުގެ ބޭރުން ފެނުނު ކޮވިޑް-19 ގެ ޖަރާސީމަކީ މިފަދަ ގޮތަކަށް ކޮވިޑް-19ގެ ޖަރާސީމު ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ.

ގިންޑާއޯ އިން ދާދިފަހުން ކޮވިޑް-19ގެ އިހާ (ކްލަސްޓާ) އެއް ރިޕޯޓުކޮށްފައިވާއިރު އެޤައުމުގެ ސަރުކާރުން ވަނީ އެ ސިޓީގައި ދިރިއުޅޭ 11 މިލިއަން މީހުން ކޮވިޑަށް ޓެސްޓުކޮށްފަ އެވެ.

އޭގެ ތެރެއިން އެއްވެސް މީހަކު ފައްސި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖުލައި މަހު ޗައިނާއިން ވަނީ އެޤައުމަށް އެތެރެ ކުރާ ގަނޑުކުރި ޑިނގާ ފަދަ ތަކެތި އެތެރެކުރުން ހުއްޓާލާފަ އެވެ. އެތަކެތި އެތެރެކުރުން އެޤައުމުން ހުއްޓާލީ އޭގެ އެތެރެއިން ކޮވިޑް-19 ފެނިގެންނެވެ.

ސީޑީސީން ބުނީ ކޮވިޑް-19ގެ ޖަރާސީމު ގިންޑާއޯ ގައި ހުރިތޯ ބަލަން ޖެހުނީ އެ ސިޓީ އިން ކޮވިޑް-19ގެ ރިޕޯޓެއް ކޮށްފައިވާތީ ކަމަށެވެ.

ޖަރާސީމު ފެނުނު ތަކެތި އެތެރެކޮށްފައި ވަނީ ކޮންތަނަކުންކަން އަދި ހޯދިފައި ނުވާކަމަށް ސީޑީސީން ބުނެއެވެ. ކާތަކެތިންނާއި އެއްކޮށް އެތައް ސަތޭކަ ކޮވިޑް-19 ސުންކު ނަގާފައިވާއިރު އެ ސުންކު ތެރެއިން މިހާތަނަށް ފައްސިވެފައި ވަނީ 22 ސުންކެވެ.

ކިޔުންތެރިންގެ ހިޔާލު