ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކިޔަވައިދެމުން އަންނަނީ އޮންލައިން ކޮށެވެ. ނަމަވެސް މިހާރު ގިނަ ގައުމުތަކެއްގައި ސުކޫލުތައް ހުޅުވައި، ސުކޫލުތަކުގައި ކިޔަވައިދޭން ވަނީ ފަށާފައެވެ.

ނަމަވެސް، އޮންލައިންކޮށް ކިޔެވުމުގެ ތަނަވަސްކަން ނެތުމުން، އެތައް މިލިއަން ކުދިންނެއް މިހާރު އުނގެނުމުން ވަނީ މަހުރޫމުވެފައެވެ. މިފަދަ ދަނޑިވަޅެއްގައި އަވަށްޓެރި އިންޑިއާގެ ނިއު ދިއްލީގައި އޮންލައިންކޮށް ކިޔެވޭނެ ތަނަވަސްކަމެއް ނެތް ކުދިންނަށް ދިއްލީގެ ފުލުހެއް ހިލޭ ކުލާސްތައް ނަގައިދެން ފެށުމުން އެތައް ބައެއްގެ ތައުރީފު ދަނީ އޭނާއަށް ލިބެމުންނެވެ.

ރެޑް ފޯޓް ޕާކިން ސަރަހައްދުގައި ހުންނަ ސައި ޓެމްޕަލްގައި ކިޔަވައިދެމުންދާ މި ފުލުސް އޮފިސަރގެ ކުލާސްތައް ވެސް މެދުކަނޑާލަން ޖެހުނީ ކޮރޯނާވައިރަސްގެ ސަބަބުންނެވެ. މި ކުދިންނަށް އޮންލައިން ކުލާހުގައި ބައިވެރިވުމަށް ފޯނެއް ގަނެވޭނެހާ ތަނަވަސްކަން ނެތުމުން މި އޮފިސަރ ނިންމީ އޭނާގެ ކުލާސްތައް ފެށުމަށެވެ.

މިި އޮފިސަރގެ ކުލާހަށް އަންނަ ގިނަ ކުދިންނަކީ އެ ސަރަހައްދުގައި ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންގެ ދަރިންނެވެ.

އޭޝިއަން ނިއުސް އިންޓަނެޝަނަލްއަށް ދިން އިންޓަވިއުއެއްގައި ޕޮލިސް ކޮންސްޓެބަލް ތާން ސިންގ ބުނެފައިވަނީ އޭނާ މި ކުލާސްތައް ހިންގާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި ފުރަބަންދާއި ގުޅިގެން ކުދިންގެ ރައްކާތެރިކަމަށްޓަކައި ކުލާސްތައް މެދު ކަނޑާލީ ކަމަށެވެ. ނަމަވެސް މި ކުދިންގެ އަތުގައި ފޯނެއް ނުވަތަ ކޮމްޕިއުޓަރެއް ނެތުމުން އޮންލައިން ކުލާސްތަކުގައި ބައިވެރިނުވެވޭތީ، ބައްދަލުކޮށް ކުލާސްތައް އަނެއްކާވެސް ފެށީކަމަށް އޭނާ ބުނެފައިވެއެވެ.

ކުލާސްތައް ކުރިއަށް ގެންދަނީ ހެލްތް މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ކަމަށް ވެސް ތާން ސިންގ ބުނެފައިވެއެވެ. މި ކުލާހުގެ ކުދިންނަށް ސިއްހީ ރީތި އާދަތައް ދަސްކޮށްދިނުމުގެ އިތުރުން މާސްކާއި ސެނިޓައިޒަރ ވެސް ކުދިންނަށް ފޯރުކޮށްދެނީ ތާން އޭނާގެ އަމިއްލަ ޙަރަދުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު